ހުޒައިފާގެ މައްސަލަ ހުށަހެޅީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަން ފެށުމުން
ހުޒައިފާގެ މައްސަލަ ހުށަހެޅީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަން ފެށުމުން

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅީ އެ ކޯޓުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވުނު މުވައްޒަފެއްގެ މައްސަލަ ބަލަން ފެށުމުން އެކަމާ ހިތްހަމަނުޖެހިގެން އެ މުވައްޒަފު ކަމަށް އެނގިއްޖެ އެވެ. އެކަމަކު އޭގެ ފަހުން، އެ މުވައްޒަފުގެ މައްސަލަ ބަލައި އިއްޔެ ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ހުޒައިފާ އަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފެމިލީ ކޯޓުގައި އުފައްދާފައި އޮންނަ ކޮމިޓީގެ ޗެއާމަނެވެ. އަދި އޭނާ އަކީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން މެންބަރެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން ފެށުމުން، ތުހުމަތުކުރެވުނު އެސިސްޓެންޓް ލީގަލް އޮފިސަރު ވަނީ މައްސަލަ ބެލުމުގައި އުސޫލުން ބޭރުން ކަން ކުރައްވާ ކަމަށް ތުހުމަތުކޮށް ޖޭއެސްސީ އަށް ހުށަހަޅާނެ ކަމަށް ބުނެ ހުޒައިފާ އަށް ފޯނުން މެސެޖު ފޮނުވައިފަ އެވެ. އަދި ހުޒައިފާ އެ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑިމިނިސްޓްރޭޝަން (ޑީޖޭއޭ) ވަނީ ހުށަހަޅުއްވައިފަ އެވެ.

ޖިންސީ ފުރައްސާރަކުރި ފިރިހެން މުވައްޒަފު އެތަނުގެ އަންހެން މުވައްޒަފަކަށް ބަރަހަނާ ވެބްސައިޓްތަކުގެ ލިންކުތައް ފޮނުވައި ގަޔަށް އަތްލާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. އެ މައްސަލަ 2015 ވަނަ އަހަރު ވެސް ހުށަހެޅި ކަމަށާއި އެކަމަކު އޭރު މައްސަލަ ކުރިއަށް ނުގެންދެވުނުކަން ވެސް ވަނީ އެނގިފަ އެވެ. އަދި ފަހުން މި އަހަރުގެ ފެބްރުއަރީ މަހު ވަނީ އަލުން މައްސަލަ ހުށަހަޅައިފަ އެވެ.

ވަކިކުރި މުވައްޒަފަކީ ސުލޫކީ މައްސަލަތަކެއް ބަލާތީ މިހާރު ސަސްޕެންޑްކޮށްފައިވާ، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ އަރިސް މުވައްޒަފެކެވެ.