19 ޖޫން 2019 - 21:10

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބްގެ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައި، ތަހުގީގު ކޮމެޓީއެއް މިއަދު އެކުލަވާލައިފި އެވެ.
މެޖިސްޓްރޭޓް ރާޣިބްއާ ގުޅޭގޮތުން ޖޭއެސްސީއަށް ކުރިން ވަނީ މައްސަލަތަކެއް ހުށަހަޅައިފަ އެވެ.
ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ރާޣިބްއާ ގުޅޭގޮތުން އެ ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ ޝަކުވާތަކާއި ކޮމިޝަނުން މިހާރު ބަލަމުން އަންނަ ބައެއް ޝަކުވާތައް ބަލަން ނިންމައި، ފަސް މެމްބަރުންގެ ކޮމެޓީއަކަށް ފޮނުވަން މިއަދު ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ.
"ފަސް މެމްބަރުންގެ މި ކޮމެޓީން ދެން ތަހުގީގުތައް ކުރިއަށް ގެންދާނީ. ރާޣިބްއާ ގުޅޭގޮތުން މިހާރު ހުށަހެޅިފައި ހުރި ހުރިހާ ޝަކުވާތަކެއް ވެސް،" ޒަހީން ވިދާޅުވި އެވެ.
ރާޣިބްގެ މައްސަލަތައް ބަލަން އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަނަށް ހައި ކޯޓުން ކަނޑައަޅުއްވާފައިވާ މެމްބަރު އަބްދުއްރައޫފް އިބްރާހިމާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުރުން ދަށު ކޯޓުތަކުން އެ ކޮމިޝަނަށް އިންތިޚާބު ކޮށްފައިވާ މުހައްމަދު އީސާފުޅާއި ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެމްބަރު ހިސާން ހުސައިނެވެ.
މީ އިތުރުން ޖޭއެސްސީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭން އަލުން ފެށުމަށާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުސާރައިގެ ކުރިއެރުން ދިނުމަށް ވެސް ޖޭއެސްސީން މިއަދު ވަނީ ނިންމައިފަ އެވެ. ޖޭއެސްސީން ބުނިގޮތުގައި މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުން 2014 ވަނަ އަހަރުން ފެށިގެން އޮތީ ހުއްޓާލައިފަ އެވެ.
ޖޭއެސްސީން ބުނިގޮތުގައި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިތުރު ގާނޫނީ ބޭފުޅުން ބޭނުންވާތީ ލީގަލް އިތުރު މަގާމުތަކަށް މީހުން ނެގުމަށް ވެސް އެ ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.