08 ސެޕްޓެމްބަރ 2016 - 06:22

"ތަނޫ ވެޑްސް މަނޫ" އުފެއްދި އާނަންދް އެލް. ރާއީ ޑްވޯފެއް ނުވަތަ އުމުރާ އެއްވަރަށް އިސްކޮޅުން ދިގު ނުވާ މީހަކު އުޅޭ ފިލްމެއް އުފައްދަން އުޅޭ ވާހަކަ ދައްކާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ލޯބީގެ ވާހަކައެއްގެ މައްޗަށް ކުޅޭ މި ފިލްމު ފެށުމުގެ ކުރިން ވެސް މި ފިލްމުގެ މަސައްކަތް އަސަރުގެ ގޮތުން ވެސް އަދި ޓެކްނިކަލް ގޮތުން ވެސް ވަރަށް އުނދަގޫވާނެ ކަން ޑައިރެކްޓަރަށް ގަބޫލުކުރެވެ އެވެ.
މި ފިލްމުގައި ޑްވޯފްގެ ރޯލު ކުޅުމަށް ޝާހްރުކް ޚާން ވަނީ ހަމަޖެހިފަ އެވެ. އަދި ބަތަލާގެ ރޯލަށް ކަންގަނާ ރަނާވަތު، ދީޕިކާ ޕަދުކޯން، ޕަރިނީތީ ޗޯޕްރާ އަދި ސޯނަމް ކަޕޫރުގެ ނަން ވެސް ލިސްޓުގައިވެ އެވެ. ނަމަވެސް އިންޑިއާގެ މީޑިއާގައި ބުނާ ގޮތުގައި މި ފިލްމުގެ ބަތަލާއަކަށް ކެޓުރީނާ ކައިފް ހަމަޖެހިއްޖެ އެވެ.
ފިލްމުގެ ނަމަކަށް "ބަންދުއާ" ކިޔަން ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަންނަ ޑިސެމްބަރު މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމު ނެރެން ހަމަޖެހިފައިވަނީ 2018 ގެ ޑިސެމްބަރުގަ އެވެ.
މިއީ ޝާހްރުކް އާއި ކެޓުރީނާ އެކުގައި ކުޅޭ ދެ ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްރާ މަރުވުމުގެ ކުރިން އެންމެ ފަހުން ޑައިރެކްޓްކުރި "ޖަބް ތަކް ހެ ޖާން" އެވެ.
މިހާރު ޝާހްރުކް އުޅެނީ ޑައިރެކްޓަރު އިމްތިޔާޒު އަލީގެ "ދަ ރިންގް" ގެ ޝޫޓިންގައި އަނުޝްކާ ޝަރުމާ އާ އެކު ޔޫރަޕްގަ އެވެ. ޚަބަރު ލިބޭ ގޮތުގައި އެއް އަހަރު އެއްކޮށް "ބަންދުއާ"އަށް ޝާހްރުކް ހުސްކޮށްދޭން ޖެހެ އެވެ.