ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ އަށް ވަރުގަދަ ފެށުމެއް
ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ އަށް ވަރުގަދަ ފެށުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ގްރީން ސްޓްރީޓްސް އަތުން 3-1 އިން މޮޅުވެ މި ފަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި މާޒިޔާ އިން ފެށުން ވަރުގަދަކޮށްފި އެވެ.

ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ އަށް ވަރުގަދަ ފެށުމެއް
ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ އަށް ވަރުގަދަ ފެށުމެއް

މި ފަަހަރުގެ ސީޒަނަށް އެންމެ ފުރަތަމަ ތައްޔާރުވާން ފެށި ދެ ޓީމުން މިއަދު ފުރަތަމަ މެޗަށް ނުކުތްއިރު، މާޒިޔާ އިން ވަނީ ފުރަތަމަ އެގާރައިގައި އެ ޓީމުން ގެނައި ގިނަ ކުޅުންތެރިން ހިމަނައިފަ އެވެ. ގްރީން ސްޓްރީޓްސް ވެސް ފެށީ ބިދޭސީ ކުޅުންތެރިން ނުލައި ނެގޭނެ އެންމެ ވަރުގަދަ އެގާރައާ އެކު އެވެ. ގްރީން ސްޓްރީޓްސްގެ ބިދޭސީ ކުޅުންތެރިންނަށް އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް ނުލިބޭތީ ނުކުޅޭއިރު، ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މެޗު ފަށައިގެން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެމުން ދިޔައިރު ތިން ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަަގައިިދިނީ ނާއިޒު ހަސަން (ދާދު) އެވެ. އަސަދުﷲ އަބްދުﷲ އޭރިއާތެރެއިން ޖައްސާލި ބޯޅަ ދާދު އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ފަހުން ދެ ވަނަ ލަނޑެއް ޖަހަން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ދެ ބޯޅައެއް ދިޔައީ އަރިމަތިން ބޭރުންނެވެ.

ފުރަތަމަ 15 މިނިޓަށް ފަހު ގްރީން ސްޓްރީޓްސް އިން މެޗުގެ ތެރެއަށް އައިސް ކުޅުން ރަނގަޅުކުރި އެވެ. މެޗުގެ 26 ވަނަ މިނިޓްގައި އޭރިއާ ބޭރުން ދަގަނޑޭ ޖެހި ބޯޅަ ދިޔައީ އޭރިއާ ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މާޒިޔާ އަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ވަނަ ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. އިބްރާހިމް ވަހީދު (އިއްބެ) ހުސްކޮށްލާފައި އޭރިއާތެރެއިން ފޭދޫ އިއްބެ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ފުރަތަމަ ހާފްގައި ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ދެ ވަނަ ހާފް ފަށައިގެން ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހިގެން ކުޅެ ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެފައި އައްމަޑޭ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ގްރީން ސްޓްރީޓްސް އިން ކުޅެމުން ދަނިކޮށް ކައުންޓަ އެޓޭކުގައި މާޒިޔާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. ފޭދޫ އިއްބެ ހުސްކޮށްލާފައި އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހަމްޕު ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އަށް މެޗުގެ 60 ވަނަ މިނިޓްގައި މުހައްމަދު ސާއިފްގެ ގޯލުން މެޗުގެ ތެރެއަށް އަލުން ވަދެފައިވަނިކޮށް މާޒިޔާ އިން ވަނީ އޭގެ މިނިޓެއް ފަހުން އަލުން ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މި ލަނޑު ޖެހީ ފޭދޫ އިއްބެ އެވެ. އޭރިއާތެރެއިން ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ތިރިތިރިން ގޮސް އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ދެ ވަނަ ހާފްގެ ފަހު 25 މިނިޓަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަތައް މާޒިޔާގެ ގޯލުގައި ހުރި އަފްގާނިސްތާންގެ ގައުމީ ޓީމުގެ ކީޕަރު އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެެވެ. އޭގެ ފަހުން އޭރިއާ ތެރެއިން އައްމަޑޭ އާއި މުހައްމަދު އުމެއިރު ޖެހި ބޯޅަ ވެސް ކީޕަރު އަޒީޒީ ވަނީ ހުއްޓުވައިފަ އެވެ.

މެޗުގެ ފަހު ވަގުތު މާޒިޔާ އިން ވަނީ އަމްދާން އަލީ (އެންޑީ) އާއި ހުސެއިން ނިހާން (ނިހާޓް) ކުޅެން އަރުވައި ޑިފެންސަށް ވިސްނައިގެން ކުޅެފަ އެވެ. މާޒިޔާ އަށް ހަތަރު ވަނަ ގޯލެއް ޖަހަން އަސަދުﷲ އަށް ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮސްކީ ބުނީ ގްރީން ސްޓްރީޓްސް އަތުން މޮޅުވުމަކީ މި ސީޒަނުގައި އެއްވެސް ޓީމަކަށް ފަސޭހަވާނެ ކަމެއް ނޫން ކަމަށާއި އެކަން ކުރެވުނީތީ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން ބޭނުންވާ ކަމަށެވެ. އަދި ފުރަތަމަ މެޗަށް ވުމުން މާޒިޔާގެ އެޓޭކިން ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ކޮންމެވެސް ވަރަކަށް ފެނުނު ކަމަށާއި ފަހު ވަގުތު ޑިފެންސަށް ވިސްނައިގެން ކުޅުނީ ލީޑު ސަލާމަތްކުރުމަށް ކަމަށް ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާނަގާ ކަމަށާއި އޭނާ އަށް މި މެޗުގައި ގޯސްތަކެއް ހެދުނު ކަމަށެވެ. އެކަމަކު ދިވެހި ފުޓްބޯޅައާ މެދު ވިސްނާ މީހެއްގެ ހައިސިއްޔަތުން ރާއްޖޭގެ އެންމެ ބޮޑު ލީގުގެ ހާލަތު އޮތްގޮތުން ވަރަށް ކަންބޮޑުވާކަމަށް ބުންޏެވެ.

ލީގުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ވިކްޓަރީ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. ކުޅުނު ފުރަތަމަ މެޗުން މި ދެ ޓީމު ވެސް ވަނީ ބަލިވެފަ އެވެ.