ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާއިރު އިއްބަޑޭ އުއްމީދުގައި
ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާއިރު އިއްބަޑޭ އުއްމީދުގައި

އެމެރިކާގެ ފްލޮރިޑާގައި މި މަހު އޮންނަ ފްލައިބޯޑް ވޯލްޑް ޗެމްޕިއަންްޝިޕުން ވަނައެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ އިބްރާހިމް ހުސެއިން (އިއްބަޑޭ) ބުނެފި އެވެ.

މި މަހު 16 އިން 18 އަށް ފްލޮރިޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޒަޕާޓާ ރޭސިންގް އެންޑް ޕޮރޯ ވޯޓަ ކްރޮސް ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގައި މިފަހަރު ވެސް ރާއްޖޭން ވާދަކުރާ ހަމައެކަނި އެތުލީޓަކީ އިއްބަޑޭ އެވެ. މިއީ ވޯލްޑް ޗެމްޕިއަންޝިޕްގައި ދިވެއްސަކު ވާދަކުރާ ދެ ވަނަ ފަހަރެވެ.

މިދިޔަ އަހަރު ދުބާއީގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕުން އިއްބަޑޭ ވަނީ 26 ވަނަ ހޯދައިފަ އެވެ. އަދި އޭގެ ފަހުން އިއްބަޑޭ ވަނީ މިދިޔަ ޖޫން މަހު ފްރާންސްގައި ކުރިއަށް ދިޔަ ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދައިފަ އެވެ.

"މިއަހަރުގެ މުބާރަތުން ވަނައެއް ހޯދުމުގެ އުންމީދު އެބައޮތް. އެންމެ ބޮޑު ހިތްވަރެއްކަމުގައި ދެކެނީ ރާއްޖޭގެ ފްލައިބޯޑާސް ޓީމާއި ސަޕޯޓަރުންނާއި، ރަހްމަތްތެރިން އަދި އާއިލާ،" ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިއްބަޑޭ ބުންޏެވެ.

މިއީ މި މުބާރާތް ބާއްވާ ފަސް ވަނަ ފަހަރެވެ. މި މުބާރާތް ކުރިން ބާއްވަން ހަމަޖެއްސީ މި އަހަރު ޑިސެމްބަރު މަހު ދުބާއީގަ އެވެ. އެކަމަކު މުބާރާތް އަވަސްކޮށް ފްލޮރިޑާގައި ބާއްވަން ފަހުން ނިންމީ އެވެ.

މި މުބާރާތުގައި ވާދަކުރުމަށް އިއްބަޑޭ އަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިންނެވެ. އިއްބަޑޭ ވަނީ މި މުބާރާތުގައި ބައިވެރިވުމަށް ޒަޕާޓާ ރޭސިން، އޮލިމްޕިއާ، ޓާބޮޓެކް، ލިކުއިޑް ވޯޓާ ސްޕޯޓްސް އަދި ފްރާންސްގެ ފްލައިކެޕްޓަންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.