ޕޮގްބާގެ މުސާރަ ބޮޑުކުރަން ޔުނައިޓެޑުން ނިންމައިފި
ޕޮގްބާގެ މުސާރަ ބޮޑުކުރަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ (ޖޫން 19) - ކްލަބް ބަދަލުކުރަން ބޭނުންވާ ކަހަލަ އިޝާރާތެއް މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ދީފައިވަނިކޮށް އޭނާގެ މުސާރަ ބޮޑުކޮށް ޓީމުގައި މަޑުކުރުވަން ޔުނައިޓެޑުން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕޮގްބާ ހޯދަން އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސް އާއި ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތްކުރަމުން އަންނައިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުނީ މިއީ އާ ޗެލެންޖެއް ނަގަން ޖެހޭ ވަގުތު ކަމަށާއި އެހެން ޓީމަކަށް ބަދަލުވުމާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ބޯޑް މެމްބަރުން ބޭއްވި ބައްދަލުވުމެއްގައި މިހާރު ނިންމާފައިވަނީ ޕޮގްބާ ވިއްކާނުލާށެވެ. އެ ގޮތުން ޔުނައިޓެޑުން ނިންމާފައިވަނީ ޕޮގްބާގެ މުސާރަ ބޮޑުކުރުމަށެވެ. ޕޮގްބާ މި ވަގުތު ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ ހަފްތާ އަކު ބޯނަސްއާ އެކު 290،000 ޕައުންޑް (363،000 ޑޮލަރު) އަށެވެ. ޔުނައިޓެޑް ބޯޑުން ނިންމާފައިވަނީ ބޯނަހާ އެކު ޕޮގްބާ އަށް ހަފްތާ އަކު 520،000 ޕައުންޑް (652،000 ޑޮލަރު) މުސާރައެއް ހުށަހެޅުމަށެވެ. މިއީ އަލެކްސިސް ސަންޗޭޒް އަށް ދެމުން އަންނަ މުސާރަ އަށް ވުރެ ބޮޑު އަދަދެކެވެ. ސަންޗޭޒް އަށް ދެމުން އަންނަނީ ހަފްތާ އަކު ބޯނަހާ އެކު 500،000 ޕައުންޑް (627،000 ޑޮލަރު) އެވެ.

ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވެސް އަންނަނީ ބޮޑު މުސާރަ އަކަށް ޑިމާންޑް ކުރަމުންނެވެ. ޑެހެއާގެ ކޮންޓްރެކްޓްގެ މުއްދަތު އަންނަ އަހަރު ހަމަވާއިރު، މި ވަގުތު ޑެހެއާ ހުރީ ހަފްތާ އަކު 200،000 ޕައުންޑް (250،000 ޑޮލަރު)ގެ މުސާރައެއްގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޑެހެއާ ވެސް ބޭނުންވަނީ ސަންޗޭޒަށް ދޭ ވަރުގެ މުސާރަ އެކެވެ.

ރެއާލުން މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުމާ އެކު ކޯޗު ޒިނެދިން ޒިދާންގެ އެދުމާ އެކު ޕޮގްބާ ހޯދުމަށް މަޝްވަރާކުރަން ފެށި އެވެ. އެކަމަކު އޭރު ޔުނައިޓެޑުން ޕޮގްބާ ދޫކޮށްލަން ކީ އަގު ބޮޑުވުމުން އެ ޑީލް ކުރިއަށްގެންދަން ރެއާލުން ބޭނުންނުވި އެވެ. ޔުނައިޓެޑުން އޭރު ބޭނުންވީ ޕޮގްބާ 180 މިލިއަން ޔޫރޯ (201 މިލިއަން ޑޮލަރު) އަށް ވިއްކާލާށެވެ. އެކަމަކު ރެއާލުން އެންމެ މައްޗަށް ވެސް ޕޮގްބާ އަށް ބިޑްކުރާނީ 110 މިލިއަން ޔޫރޯ (123 މިލިއަން ޑޮލަރު) އެވެ. އަދި އެ ޑީލްގެ ތެރެއިން ގަރެތު ބޭލް ޔުނައިޓެޑަށް ދޫކޮށްލުމަށް ވެސް ރެއާލުން ބޭނުންވެ އެވެ.

ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޗިޓީ ވަނީ ދާދި ފަހުން ޔުނައިޓެޑްގެ އޮފިޝަލުންނާ އެކު ޕޮގްބާ ހޯދުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ޕޮގްބާ ހޯދަން އެ ކްލަބްގެ މެނޭޖްމަންޓުގެ ކިބައިން އެދިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ޕޮގްބާ އަށް 125 މިލިއަން ޕައުންޑް (157 މިލިއަން ޑޮލަރު) ހުށަހަޅަން އޮތީ ތައްޔާރަށެވެ.

ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ އަށް އެ ޓީމުން އެކަށީގެންވާ ފުރުސަތެއް ނުލިބޭތީ 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ބަދަލުވި އެވެ. ޔުނައިޓެޑުން އޭނާ އަލުން ގެނައީ 2016 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 89.3 މިލިއަން ޕައުންޑް (115 މިލިއަން ޑޮލަރު) އަށެވެ.

ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ބެންފީކާ އަށް ކުޅެމުން އަންނަ އުއްމީދީ މިޑްފީލްޑަރު ޔާއޯ ފެލިކްސް ގަންނަން އެތުލެޓިކޯ މެޑްރިޑުން ހުރިހާ ކަމެއް ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ޑީލް ކުރިއަށްދާނީ އެތުލެޓިކޯގެ މިޑްފީލްޑަރު ރޮޑްރީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ބަދަލުވުމުންނެވެ. ރޮޑްރީ ގަންނަން ސިޓީން 62.6 މިލިއަން ޕައުންޑް (78 މިލިއަން ޑޮލަރު) ވަނީ ހުށަހަޅައިފަ އެވެ. އަދި ވަރަށް އަވަހަށް އެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިމޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރޮޑްރީ ސޮއިކޮށްފިނަމަ ސިޓީ އަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.