"ޕީކޫ" ކުޅެން ފުރަތަމަ ލިބުނީ އަހަންނަށް: ޕަރިނީތީ ޗޯޕްޅާ
"ޕީކޫ" ކުޅެން ފުރަތަމަ ލިބުނީ އަހަންނަށް: ޕަރިނީތީ ޗޯޕްޅާ

ދެހާސް ފަނަރައިގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ޕީކޫ" ގެ ބަތަލާގެ ރޯލް ދީޕިކާ ޕަދްކޯން އަށް ވުރެ ކުރިން ލިބުނު ކަމަށް ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

ބަތަލާ ނޭހާ ދޫޕިއާގެ ޗެޓް ޝޯގައި ޕަރިނީތީ ބުނީ އެ ފިލްމު އޭނާ އަށް ނުކުޅެވުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"އަހަރެން އެ ފުރުސަތު ދޫކޮށްލީކީ ނޫން. އެކަމަކު ޕީކޫ ހުށަހެޅި ދުވަސްވަރު އަހަރެން ދިޔައީ އެހެން ފިލްމެއްގައި މަސައްކަތް ކުރަމުން. އަހަރެން ފިލްމަށް އާއެކޭ ވެސް ބުނިން. އެކަމަކު އެތަންވަޅުގައި ކަންތައްތަކެއް އޮޅުންބޮޅުންވެގެން އަހަންނަށް ފިލްމު ގެއްލުނީ،" މި އަހަރު "ކޭސަރީ" ގެ ކުޑަ ރޯލަކުން ފެނުނު ބަތަލާ ބުންޏެވެ.

"ޕީކޫ" ގައި ދީޕިކާ ކުޅުނު ރޯލަށް ގިނަ ބައެއްގެ ތައުރީފު އޮހި، އެ ފިލްމުން އޭނާ ވަނީ އެންމެ މޮޅު ބަތަލާގެ މަގާމު ވެސް ގިނަ އެވޯޑް ހަފުލާތަކުގައި އުފުލާލައިފަ އެވެ. ސުޖިތު ސިރްކާ ޑައިރެކްޓް ކުރި ފިލްމުގައި ދީޕިކާ ކުޅެފައި ވަނީ އަބަދު ބޮޑުކަމުދިއުމުގެ މައްސަލަ ކުރިމަތިވެފައި އިންނަ ދުވަސްވީ މީހެއްގެ ޒިންމާދާރު ދަރިއެއްގެ ރޯލެވެ. ފިލްމުގައި އޭނާގެ ބައްޕަގެ ރޯލް ކުޅުނީ އަމީތާބް ބައްޗަނެވެ. އަދި "ޕީކޫ" އިން އިރުފާން ހާންގެ ވަރަށް މޮޅު ރޯލެއް ވެސް ފެނިގެން ގޮސްފައިވެ އެވެ.

ބޮލީވުޑްގައި މިހާތަނަށް އަދި މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ޕަރިނީތީ މިހާރު އަންނަނީ އިންޑިއާގެ އަންހެން ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ އަށް ތައްޔާރުވަމުންނެވެ. އޮކްޓޯބަރުގައި ޝޫޓިން ފަަށާ އެ ފިލްމުގައި އޭނާ ކުޅޭނީ ސައިނާގެ ރޯލެވެ.

އަމޯލް ގުޕްތޭ ޑައިރެކްޓް ކުރާ "ސައިނާ" ކުޅެން ޕަރިނީތީ އަށް ލިބުނީ، އެ ފިލްމަށް ކުރިން ހަމަޖެއްސި ބަތަލާ ޝްރަދާ ކަޕޫރު އެހެން ޕްރޮޖެކްޓްތަކެއްގައި މާ ބޮޑަށް ބިޒީކޮށް އުޅެން ޖެހުމުން ތާވަލުކޮށްފައިވާ ގޮތަށް ފިލްމުގެ ތައްޔާރީތަކާއި ޝޫޓިންތަކަށް އޭނާ އަށް ވަގުތު ނުދެވޭނެތީ އެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީތީގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓް 2 ގައި ރިލީޒް ކުރާ "ޖަބަރިޔާ ޖޯޅީ" އެވެ. އަދި 2016 ގައި ރިލީޒް ކުރި ހޮލީވުޑް ފިލްމު "ދަ ގާލް އިން ދަ ޓްރެއިން" ގެ ހިންދީ ރިމެކްގެ ބަތަލާގެ ރޯލް ވެސް އޭނާ އަށް ހުށަހަޅާފައިވެ އެވެ.