20 ޖޫން 2019 - 07:06

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ޕްރޮޑިއުސް ކުރި ފުރަތަމަ މަރާޓީ ފިލްމު "ބާބާ" އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ދަތަށް ހާއްސަކޮށްފި އެވެ.
އެ ފިލްމުގެ މޯޝަން ޕޯސްޓަރު އިންސްޓަގްރާމާއި ޓްވިޓާގައި ހިއްސާ ކުރަމުން ސަންޖޭ ބުނީ އޭނާގެ އަލަތު މަރާޓީ ޕްރޮޑަކްޝަން ހާއްސަ ކުރަނީ އަބަދު ވެސް އޭނާގެ ހަޔާތުގެ އެންމެ މުހިއްމު އެކަކު ކަމަށްވާ ބައްޕަ އަށް ކަމަށެވެ. އަދި ބައްޕަ ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް ބުންޏެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސުނިލް ދަތު ވަނީ 2005 ގައި މަރުވެފަ އެވެ.
ސަންޖޭ، 59، ޕްރޮޑިއުސް ކުރި މަރާޓީ ފިލްމަކީ ބައްޕައަކާ ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަދި މިއަށް ނަން ދީފައި ވަނީ ވަނަމަކަށް ސަންޖޭ އަށް ގިނަ ބަޔަކު ކިޔާ ނަން ކަމަށްވާ "ބާބާ" ގެ ނަމުންނެވެ.
އަންނަ އޮގަސްޓް މަހުގެ 2 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ރާޖް ގުޕްތާ އެވެ. "ބާބާ" ގެ ބަތަލަކީ "ތަނޫ ވެޑްސް މަނޫ" އާއި "ހިންދީ މީޑިއަމް" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅުނު ދީޕަކް ދޮބްރިޔާލެވެ.
މަރާޓީ ފިލްމެއް ޕްރޮޑިއުސް ކުރި އިރު ސަންޖޭ މިހާރު އަންނަނީ ތެލެގޫ ފިލްމެއްގެ ރިމެކެއް ވެސް ޕްރޮޑިއުސްކޮށް، ކުޅެމުންނެވެ. އެއީ 2010 ގައި ރިލީޒް ކުރި "ޕްރަސްތާނަމް" އެވެ. ހަމަ އެ ނަމުގައި ހަދާ ހިންދީ ފިލްމުގައި ސަންޖޭ ފެނިގެން ދާނީ އޭނާއާ އެކު ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކުރީގެ ބަތަލާ މަނީޝާ ކޮއިރަލާއާ އެކީގަ އެވެ.