19 ޖޫން 2019 - 11:25

ބީލަމުގެ މައްސަލަތައް ބެލުމަށް މުސްތަގިއްލު ރިވިއު ކޮމިޓީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެކުލަވާލައްވައިފި އެވެ.
މި ކޮމިޓީ އަކީ މާލިއްޔަތު ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން އުފައްދަންޖެހޭ ކޮމިޓީއެކެވެ. ނަމަވެސް މިހާތަނަށް އެ ކޮމިޓީއެއް ނުއުފައްދަ އެވެ.
މިއަދު އެކުލަވާލި މި ކޮމިޓީ އަކީ ފަސް މެމްބަރުންގެ ކޮމިޓީއެކެވެ. މި ކޮމިޓީގައި ހިމެނެނީ ފިނޭންސް މިނިސްޓްރީގެ ތިން ބޭފުޅަކާއި އެޓާނީ ޖެނެރަލް އޮފީހުގެ ދެ ބޭފުޅެކެވެ.
މި ރިވިއު ކޮމިޓީ އަކީ ބީލަމުގެ އިދާރީ ކަންކަމާ ގުޅިގެން ހުށަހަޅާ ޝަކުވާތައް އެ އޮފީހަކުން ބެލުމަށް ފަހު ނިންމި ގޮތާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެކަން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބަލާ ކޮމިޓީއެކެވެ. މި ކޮމިޓީ އަށް ހުށަހަޅާ މައްސަލަތައް ސަރުކާރު ބަންދު ނޫން 14 ދުވަހުގެ ތެރޭގައި ބަލައި މައްސަލަ ނިމުނު ގޮތް އަންގަން ޖެހޭނެ އެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިއަދު އެކުލަވާލި މި ކޮމިޓީގެ ސަބަބުން ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގެ މަސައްކަތް ހަރުދަނާވާނެ ކަމަށެވެ. އަދި މި ކޮމިޓީގެ ސަބަބުން ރައްޔިތުން ދައުލަތުގެ އޮފީސްތަކަށް ކުރާ އިތުބާރު ބޮޑުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ބީލަމުގެ މަސައްކަތުގެ މަރުހަލާތައް ހަރުދަނާކުރެވި، ރައްޔިތުންގެ އިތުބާރު އެ މަސައްކަތަށް އަލުން އަބުރާ ހޯދުން. އުއްމީދުކުރަނީ މި ކޮމިޓީގެ ސަބަބުން އެކަންތައްތައް ހާސިލުވާނެ ކަމަށް،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.