19 ޖޫން 2019 - 10:40

ލިޒްބަން (ޖޫން 19) - ކޯޗިން ކެރިއަރުގައި ދެން ފެނުން އެންމެ ގާތީ ގައުމީ ޓީމަކުން ކަމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން މޮރީނިއޯ މަސައްކަތްކުރަމުން އަންނަނީ ބީން ސްޕޯޓްސް އާއި ރަޝިއާ ޓުޑޭ (އާރްޓީ)ގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ. އެ މުއްދަތުގެ ތެރޭގައި މޮރީނިއޯ އަށް އެކި ޓީމުތަކުން ހުށަހެޅުން ލިބުނެވެ. އޭގެ ތެރޭގައި ރޯމާ، ބެންފީކާ އަދި ލިޔޯން ހިމެނެ އެވެ. އަދި މޮރީނިއޯއާ މަޝްވަރާކުރި ޓީމުތަކަކީ ރެއާލް މެޑްރިޑާއި ޗެލްސީގެ އިތުރުން ނިއުކާސަލް ޔުނައިޓެޑް އެވެ.
އިލެވެން ސްޕޯޓްސް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ތަފާތު މުބާރާތްތަކުގައި ތަޖުރިބާ ކޮށްލުމުގެ ވިސްނުން އެބަހުރި ކަމަށާއި ގައުމީ ޓީމުތަކާ އެކު މެޗުތަކަށް ނުކުތުމުގެ ޝައުގުވެރިކަން ގެންގުޅޭ ކަމަށެވެ.
"އަހަރެން ބޭނުން އާ މުބާރާތްތަކުގައި ވާދަކުރަން. އަހަރެން ވަރަށް ވިސްނަން ޔޫރޯ އާއި ވޯލްޑް ކަޕް ފަދަ މުބާރާތްތަކާ މެދު. ވަރަށް ގިނަ ދުވަސްވެއްޖެ އަހަރެން އާ ތަޖުރިބާއެއް ކުރަން ބޭނުންވެފައި ހުރިތާ. މި ވަގުތުގެ ހާލަތަށް ބަލާއިރު އާ ކްލަބަކަށް ވުރެ ބޮޑަށް އަހަރެން ފެނުން ގާތީ ގައުމީ ޓީމަކުން،" ޔޫރަޕްގެ ހަތަރު ގައުމެއްގެ ކްލަބްތަކާ އެކު ކާމިޔާބީ ހޯދާފައިވާ މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ އޭނާގެ ޝައުގުވެރިކަން ހުރީ ޕޯޗުގަލްއާ ހަވާލުވާން ނޫން ކަމަށާއި ފެންވަރު ރަނގަޅު ޕްރޮޖެކްޓަކައިގެން ކުރިއަށް ދިއުމަށް ކަމަށެވެ.
ބާސެލޯނާގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މޮރީނިއޯ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ފެށީ 2000 ވަނަ އަހަރު ބެންފީކާ އިންނެވެ. އެކަމަކު ގިނަ ބަޔަކަށް މޮރީނިއޯ ފާހަގަވާން ފެށީ ޕޯޓޯއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 2004 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ހިސާބުންނެވެ. އޭގެ ފަހުން އޭނާ ވަނީ އިންޓަ މިލާނާއި ރެއާލް މެޑްރިޑާ އެކު ވެސް ކާމިޔާބީތަކެއް ހޯދައިފަ އެވެ. ދެ ވަނަ ފަހަރަށް ޗެލްސީ އަށް ކޯޗުކޮށްދިނުމަށް ފަހު އެންމެ ފަހުން މޮރީނިއޯ ފެނުނީ ޔުނައިޓެޑްގެ ބެންޗުންނެވެ.
އުމުރުން 56 އަހަރުގެ މޮރީނިއޯ މީގެ ކުރިން ބުނީ އަލުން ޓީމަކާ ހަވާލުވާއިރު އޭނާ އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކަކީ ތަފާތު ގައުމެއްގައި ކޯޗުކޮށްދިނުމުގެ އިތުރުން ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރުން ކަމަށެވެ.
ދާދި ފަހުން ކްލަބް ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރި ބައެއް ކޯޗުން ވަނީ ގައުމީ ޓީމުތަކާ ހަވާލުވެފަ އެވެ. އެ ގޮތުން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް، ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އަދި ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ހިމެނެ އެވެ. މޮރީނިއޯ ބުނީ ގައުމީ ޓީމުގެ ވަޒީފާ އަކީ ވަރަށް ހަމަޖެހިލައިގެން އަދާކުރެވޭނެ ކަމެއް ކަމަށާއި ތައްޔާރުވާން ލިބޭ ވަގުތު ވެސް ވަރަށް ރަނގަޅު ކަމަށެވެ.