20 ޖޫން 2019 - 07:07

ސައިފް އަލީ ހާންގެ އާ ފިލްމު ކުންފުނި ބްލެކްނައިޓްސް ފިލްމްސް އިން ހަދާ ފުރަތަމަ ފިލްމު "ޖަވާނި ޖާމެނަން" ގެ ޝޫޓިން ލަންޑަނުގައި ފަށައިފި އެވެ.
އިނގިރޭސިވިލާތުގައި އެއްކޮށް ޝޫޓްކުރާ މި ފިލްމަކީ މި އަހަރުގެ ކުރީކޮޅު ސަލްމާން ހާން ޕްރޮޑިއުސްކޮށް، ގެނެސްދިން "ނޯޓްބުކް" ގެ ޑައިރެކްޓަރު ނިތިން ކައްކަރު ހަދާ ފިލްމެކެވެ.
"ޖަވާނި ޖާނެމަން" އަކީ ބައްޕައަކާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގައި ސައިފް ފެންނާނީ އުމުރުން ދުވަސްވީ ކަމަށް ގަބޫލުނުކުރާ "ކޫލް" ބައްޕައެއްގެ ރޯލުންނެވެ. އޭނާގެ ދަރިފުޅުގެ ރޯލު ކުޅެނީ އަލަށް ތައާރަފު ކުރާ އަލައިއާ ފަރުނީޗަރުވާލާ އެވެ. އެއީ ކުރީގެ ބަތަލާ ޕޫޖޭ ބޭދީގެ އަންހެން ދަރިފުޅެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ޖަވާނި ޖާނެމަން" ގެ ހާއްސަ ފެނިލުމަކުން ސައިފްގެ އަންހެނުން ކަރީނާ ކަޕޫރް ވެސް ފެނިގެން ދާނެ އެވެ. އެ ދެ މީހުން އެންމެ ފަހުން އެކީގައި ސްކްރީނުން ފެނިފައި ވަނީ ވެސް ކަރީނާ ހާއްސަ ފެނިލުމަކުން ފެނުނު ސައިފްގެ 2014 ގެ ފިލްމު "ހެޕީ އެންޑިން" އިންނެވެ.
ތައްބޫ ވެސް މުހިއްމު ރޯލަކުން ފެނިގެންދާ "ޖަވާނި ޖާނެމަން" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި އަހަރު ސިނަމާ އަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމުގެ ތެރޭގައި ހިމެނޭ އެކްތާ ކަޕޫރުގެ އާ ފިލްމު "މެންޓަލް ހޭ ކިޔާ" އާ މޯޝަން ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.
ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯ ލީޑް ރޯލްކުޅެފައިވާ ފިލްމުގެ ޓްރެއިލާ ވެސް ވަރަށް އަވަހަށް ދައްކައިލާނެ އެވެ.
"މެންޓަލް ހޭ ކިޔާ" ގެ މޯޝަން ޕޯސްޓަރު ހިއްސާ ކުރަމުން ޕްރޮޑިއުސަރު އެކްތާ ވަނީ މި ފިލްމަކީ ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް ފުރައްސާވާ ގޮތަށް ހަދާފައިވާ ފިލްމެއް ނޫން ކަމަށް ވެސް ބުނެފަ އެވެ. އަދި މިއީ ފިކްޝަނަލް ތުރިލާއެއް ކަމަށާއި ފިލްމުން ނަފުސާނީ މައްސަލަތައް ހުންނަ މީހުންނާ ދޭތެރޭ މީހުން ދެކޭ ގޮތަށް ހެޔޮ ބަދަލެއް ގެނުވައި ދޭނެ ކަމަށް ބުންޏެވެ.
ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކޮށްފައިވާ "މެންޓަލް ހޭ ކިޔާ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 26 ގަ އެވެ.
ޝާހްރުކް ހާނާ އެކު 2017 ގައި "ރައީސް" ގެނެސް ދިން ޑައިރެކްޓަރު ރާހުލް ދޮލާކިއާ އަންހެން ކެރެކްޓާއެއްގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައި، އޭގެ ބަތަލާގެ ރޯލް ކްރިތީ ސެނަން އަށް ހުށަހަޅައިފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަދި ނަން އިއުލާން ނުކުރާ މި ފިލްމުގެ ޕްރޮޑިއުސް ކުރަނީ ދޮލާކިއާ އާއި ސުނިރު ކެތަރުޕާލެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ބިލާލު ސިއްދީގެވެ. މި ފިލްމާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާ އިން ބުނީ މިއީ ވަރަށް ގިނަ އަދަކަށް ވީއެފްއެކްސް ވެސް ހިމެނޭނެ ތަފާތު ފިލްމަކަށް ވާނެ ކަމަށާއި އެ މަސައްކަތް ކުރާނީ ދެކުނު ކޮރެއާގެ ކުންފުންޏަކުން ކަމަށެވެ.
މި ހަފުތާގައި ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި ކްރިތީ ފިލްމުގައި ކުޅޭނީ މީޑިއާގައި މަސައްކަތް ކުރާ މީހެއްގެ ރޯލެވެ. ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.
ދެން އެންމެ އަވަހަށް ކްރިތީ ފެނިގެން ދާނީ އަންނަ މަހުގެ 26 ގައި ރިލީޒް ކުރާ "އަރުޖުން ޕަޓިއާލާ" އިންނެވެ. ކުރިން އެ ފިލްމު ރިލީޒް ކުރާ ގޮތަށް އޮތީ އަންނަ މަހުގެ 19 ގަ އެވެ.
އަމީތާބް ބައްޗަން އާއި އަޔޫޝްމަން ކުރާނާ މުހިއްމު ރޯލްތައް ކުޅޭ، ޑައިރެކްޓަރު ސުޖިތު ސިރްކާގެ އާ ފިލްމު "ގުލާބޯ ސިތާބޯ" ގެ ޝޫޓިން ފަށައިފި އެވެ.
ދެހާސް ފަނަރައިގައި އަމީތާބާ އެކު "ޕީކޫ" ގެނެސް ދިން ޑައިރެކްޓަރުގެ އާ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔެފައި ވަނީ އެ ފިލްމުގެ ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީ އެވެ. "ގުލާބޯ ސިތާބޯ" އަކީ ފެމިލީ ކޮމިޑީއެކެވެ.
ފިލްމުގެ ޝޫޓިން ލަކްނޫގައި ފެށިކަން އަމީތާބް، 76، ކުރި ޓްވީޓެއްގައި ވެސް ވަނީ ހިއްސާކޮށްފަ އެވެ. އުމުރުން ދުވަސް ވިޔަސް އަދިވެސް އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަމީތާބް ބުނީ އަނެއްކާ ވެސް އާ ވާހަކައަކާއ އާ ބަޔަކާ އެކު އާ މަސައްކަތެއް ފެށުނީ އެވެ.
"ގުލާބޯ ސިތާބޯ" ސިނަމާތަކަށް އެޕްރީލް، 24، 2020 ގަ އެވެ.