19 ޖޫން 2019 - 10:33

ބާލިން (ޖޫން 19) - ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުލި ބޮޑުވުމުގެ ސަބަބުން ކުލި ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައިފި އެވެ.
މި ޕްލޭން އެކުލަވާލީ އެ ސިޓީގެ އެޕާޓުމަންޓުތަކުގެ ކުލި ބޮޑުވުމުގެ ސަބަބުން ރައްޔިތުން މުޒާހަރާ ކުރަން ފެށުމުންނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބާލިންގެ ކުލި ވަނީ ހަތް ޕަސެންޓަށް ބޮޑުވެފަ އެވެ.
ޖަރުމަނުގެ އިދިކޮޅު ޕާޓީން ހަދާފައިވާ މި ޕްލޭން އަންނަ އަހަރުގެ ޖެނުއަރީ މަހު ގާނޫނަކަށް ހެދޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ. މި ޕްލޭނުގެ ދަށުން ކުލި ކޮންޓްރޯލް ކުރެވޭނީ ސޯޝަލް ހައުސިން އާއި އަލަށް އިމާރާތް ކުރާ އިމާރާތްތައް ފިޔަވައި އެހެން އިމާރާތްތަކުގަ އެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ބާލިންގެ ކުލި ބޮޑުވަމުންދާއިރު މިހާރު އެ ސިޓީގެ ފްލެޓެއްގެ ކުލި އެވްރެޖުކޮށް އުޅެނީ 1،232 ޑޮލަރު (18،997 ރުފިޔާ) ގަ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާލިންގެ ހައުސިން އަށް ކަނޑައަޅާފައިވާ ސެނެޓާ ކެޓްރިން ލޮމްޕްޝާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް އެ ސިޓީގެ ކުލި ކޮންޓްރޯލް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ކުލި ބޮޑުވާނަމަ ކުލި ކުޑަ ކުރަން ބުނުމުގެ ހައްގު ރައްޔިތުންނަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަރުމަނުގެ ފިނޭންސް މިނިސްޓަރު އޯލަފް ޝޯލްޒް ވެސް ވަނީ އިދިކޮޅު މި ޕްލޭނަށް ތައުރީފުކޮށް އެފަދަ ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.