19 ޖޫން 2019 - 09:33

ސަލްވާޑޯ (ޖޫން 19) – ބްރެޒިލް ޖެހި ދެ ގޯލް ވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކޮށްގެން ރެފްރީ ކެންސަލްކުރުމާ އެކު، ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލާއި ވެނެޒުއޭލާ މިއަދު 0-0 އިން އެއްވަރުވެއްޖެ އެވެ.
މި މެޗުން މޮޅުވެގެން ކުއާޓާ ފައިނަލް ބްރެޒިލަށް ކަށަވަރުކުރެވެން އޮތެވެ. އެކަމަކު ދެން ޖެހޭނީ ޕެރޫއާ ދެކޮޅަށް ކުޅޭ ފަހު މެޗަށް އިންތިޒާރުކުރާށެވެ. އެހެންވިޔަސް ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ބްރެޒިލެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ދެ ވަނައިގައި އޮތީ ޕެރޫ އެވެ. އެ ޓީމު ވަނީ ރޭ ބޮލީވިއާ އަތުން 3-1 އިން މޮޅުވެފަ އެވެ. ތާވަލުގެ ތިން ވަނައިގައި ދެ ޕޮއިންޓާ އެކު ވެނެޒުއޭލާ އޮތްއިރު ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ބޮލީވިއާ އެވެ.
ފުރަތަމަ މެޗުން ބޮލީވިއާ އަތުން 3-0 އިން ބްރެޒިލް މޮޅުވި ނަމަވެސް އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ބޮލީވިއާގެ ވަރުގަދަ ޑިފެންސިވް ކުޅުމުގައި ބްރެޒިލަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ރޭގެ މެޗުގައި ވެސް ފެނިގެން ދިޔައީ އެ މަންޒަރެވެ. ބްރެޒިލުން 75 ޕަސެންޓް ބޯޅަ ކޮންޓްރޯލް ކުރި ނަމަވެސް ފުރަތަމަ ހާފުގައި ގޯލަށް އަމާޒުކުރެވުނީ އެންމެ ހަމަލައެކެވެ. އެ ޓީމުގެ ފޯވާޑް ރޮބާޓޯ ފިރްމީނިއޯ 38 ވަނަ މިނެޓުގައި ގޯލަށް ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، އެ ހަމަލަ އުފެއްދުމުގައި ފައުލްކޮށްގައިވާ ކަމަށް ނިންމައި ރެފްރީ އެ ލަނޑު ކެންސަލްކުރީ އެވެ.
ފުރަތަމަ ހާފަށް ފަހު ބްރެޒިލުން ދަނޑުން ފޭބި ވަގުތު ސަޕޯޓަރުންގެ މަލާމާތާ ފުރައްސާރައާ ކުރިމަތިވި އެވެ. އެއާ އެކު ކޯޗު ޓީޓޭ ދެ ވަނަ ހާފަށް ބަދަލުތަކެއް ގެނަ އެވެ. އެވަޓަންގެ ރިޗާލިސަންގެ ބަދަލުގައި މެންޗެސްޓާ ސިޓީގެ ގެބްރިއަލް ޖީސުސް އެރުވި އެވެ. އޭނާއާ އެކު އެޓޭކްތައް ވަރުގަދަވި އެވެ. އަދި 58 ވަނަ މިނެޓުގައި ގޯލެއް ވެސް ޖެހި އެވެ. އެކަމަކު އޭނާ އަށް ބޯޅަ ލިބުނު ވަގުތު ފިރްމީނިއޯ އޮފްސައިޑް މަގާމެއްގައި ހުރުމުން ވީއޭއާރް އިން ބެލުމަށް ފަހު ގޯލް ކެންސަލްކުރީ އެވެ.
ބްރެޒިލަށް އެންމެ ފަހުން ލީޑެއް ލިބުނީ ކަމަށް ބެލެވުނީ 87 ވަނަ މިނެޓުގައި ފިލިއްޕެ ކުޓީނިއޯ ޖެހި ލަނޑާ އެކު އެވެ. އެކަމަކު އެވަޓަން އެ ބޯޅަ ގޯލް ކުރިމައްޗަށް ހުރަސްކުރި ވަގުތު ފިރްމީނިއޯ އޮފްސައިޑް ކަމަށް ބުނެ ރެފްރީ އެ ލަނޑު ވެސް ކެންސަލްކުރީ އެވެ.