19 ޖޫން 2019 - 10:29

ރާއްޖެ އަށް އިންވެސްޓަރުންނާއި ޓޫރިސްޓުން އިތުރުކުރަން އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ބޭރު ގައުމުތަކުގައި ތިބޭ ރާއްޖޭގެ ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ތަރައްގީގެ ކަންކަމުގައި ބޭރުގެ ގައުމުތަކާ އެކު ގުޅުން އުފައްދާ އިރު ރާއްޖޭގެ ގަދަރާއި ޝަރަފު ހިފެހެއްޓުން ވެސް މުހިއްމު ކަމަށެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު އިންވެސްޓަރުންނާއި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަަކައި ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަމާ މެދު ދުނިޔޭގެ ގައުމުތަކުގައި ބަހުސް ކުރަމުން ދާއިރު ކަމުގެ ހަގީގަތްތަކާއި ރާއްޖޭގައި ކަން ހިނގާ އުސޫލުތައް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށެވެ. ރާއްޖެ އަކީ މިނިވަން ގައުމެއް ކަމަށާއި ރާއްޖޭގެ ކަންތައްތައް ބައްޓަންކުރަން ވާނީ ރާއްޖޭގެ ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދުނިޔޭގެ ކަންކޮޅުތަކުގައި ނަގާ ވަރުގަދަ ރާޅުތައް މިރާއްޖޭގެ ގޮނޑުދޮށްތަކަށް ވެސް ބިންދަމުން އާދޭ. ބައިނަލްއަގުވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މިރާއްޖެ އަށް އަމާންކަމާ އެކު ދަތުރުކުރެވޭނީ އަޅުގަނޑުމެން އެންމެން އެއް އަމާޒެެއްގައި ވިސްނުންތެރިކަމާ އެކު މަސައްކަތްކޮށްގެން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމުގެ މުހިއްމު ކަމާ މެދު ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ ދިފާއު ކަމަށެވެ. ހާރިޖީ ދާއިރާގައި ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެއްޖެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ކިޔައިދޭން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިއްޔެ ނިމުނު ޕާޓްނަޝިޕް ފޯރަމަކީ އެފަދަ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުއްޓެވެ.