19 ޖޫން 2019 - 10:13

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އަންނަ އަހަރުން ފެށިގެން އައްޑޫގައި ބޭނުންކުރުން ހުއްޓާލުމުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ކައުންސިލުން ވަނީ މިކަމަށް އިއްޔެ ގަރާރެއް ވެސް ފާސްކޮށްފަ އެވެ. ހަތް ކައުންސިލަރުންގެ އިއްތިފާގުން ފާސް ކުރި ގަރާރާގައި ބުނީ ޖޫން، 5، 2020 އިން ފެށިގެން އައްޑުއަކީ ސިންގަލް-ޔޫޒް ޕްލާސްޓިކް ބޭނުން ނުކުރާ ސިޓީއަކަށް ހަދަން ނިންމާފައިވާ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) "މިހާރު" އަށް މިއަދު ވިދާޅުވީ ކައުންސިލުން މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާނެ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ސިންގަލް-ޔޫޒް ޕްލާސްޓިކާ ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ އައްޑޫ ސިޓީ ކައުންސިލުން ވެސް މިފަދަ ކަމަކަށް ނުކުތުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ އައްޑުއަކީ ސިންގަލް-ޔޫޒް ޕްލާސްޓިކުން ސަލާމަތްވެފައިވާ، އެއްގަމާއި ކަނޑުފަޅުގެ ރައްކާތެރިކަމާއި ހިމާޔަތްކަން ކަށަވަރު ތަނަކަށްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވިދާޅުވި އެވެ.
"ހާއްސަކޮށް، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި މި ހުންނަ ފެނާއި ޕްލާސްޓިކް ބާޒާރު ކޮތަޅު ބޭނުންކުރުން އެބަޖެހޭ ހުއްޓުމަކަށް ގެންނަން. އެއީ ކަންނޭނގޭ މި ވަގުތު އައްޑު އަށް ވެސް އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ޕްލާސްޓިކްގެ މައްސަލާގައި އެންމެ ބޮޑު އިޝޫއަކީ،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަން އައްޑޫގައި ކުރާނީ އައްޑޫގެ ހުރިހާ މުއައްސަސާތަކާއި ވިޔަފާވެރިންނާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކާ ވެސް ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވޭ މިކަމަށް އުސޫލުތަކާއި ގަވައިދުތަކެއް އެކުލަވާލައި ހުރިހާ އެންމެން އެއަށް އަމަލުކޮށް ތަންފީޒު ކުރެވޭ އެއްޗަކަށް ވާން. މިހާރު ވެސް އެބަހުރި ބައެއް ޑެޑްލައިންތަކެއް ވެސް ކަނޑައަޅާފައި. އެކަމަކު އެންމެން ގުޅިގެން ކުރެވޭ މަސައްކަތަކުން ނޫނީ މިކަހަލަ ކަމެއް ހުއްޓުމަކަށް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން،" ސޯބެ ވިދާޅުވި އެވެ. "މިހާރު ވެސް އައްޑޫގައި ފެން އުފައްދާ ކުންފުނިތަކުން ސިންގަލް-ޔޫޒް ޕްލާސްޓިކާ ވަރަށް ދުރު. އަދި ވިޔަފާރިވެރިންގެ ތެރޭގައި ވެސް އެބަތިބި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަން ބޭނުންވާ މީހުން. އޭގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި އިތުރު ގޮތްތަކެއް ހޯދޭނެ."
އޭނާ ވިދާޅުވި ގޮތުގައި ވަކިން ހާއްސަކޮށް ކުނިބުންޏާއި ޕްލާސްޓިކް ފަދަ ތަކެއްޗަށް، ކިޔަވާ ކުދިން އަހުލުވެރިކޮށް، ހޭލުންތެރިކަން އުފެއްދުން ވަރަށް މުހިއްމެވެ. ނަމަވެސް ތައުލީމީ ކަރިކިއުލަމުގެ ތެރެއިން އެބައި އެންމެ އެކަށީގެންވާ ވަރަށް ކުރެވޭތަން ނުފެންނަ ކަމަށް ސޯބެ ވިދާޅުވި އެވެ.
"ސިންގަލް-ޔޫޒް ޕްލާސްޓިކާއި ކުންޏާ ދެކޮޅަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ދަރިވަރުން މިފަދަ މައްސަލަތަކަށް އަހުލުވެރި ކުރުވަން. މީގެ ސަބަބުން ހަގީގަތުގައި މުޅި މުޖުތަމަށް ހެޔޮ ބަދަލެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލަކީ އަަބަދު ވެސް ތިމާވެއްޓަށް ވަރަށް ހާއްސަ ސަމާލު ކަމެއްދޭ، ކުނީގެ މައްސަލަ ވެސް ސީރިއަސްކޮށް ނަގާ ކައުންސިލެކެވެ. އެގޮތުން މިހާތަނަށް އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ކުނި އަޅަން ޑަސްބިން ބެހެއްޓުމާއި އެކަމަށް ހޭލުންތެރިކަން އުފައްދަން ބޯޑްތައް ބެހެއްޓުން ފަދަ މަސައްކަތްތައްކޮށްފައިވެ އެވެ.
"މީގެ ދެ އަހަރު ކުރިން ފެށިގެން އަޅުގަނޑުމެން އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ވެސް ސިންގަލް-ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ވަނީ ހުއްޓާލާފައި. އަދި ކައުންސިލްގެ ދަށުން މަސައްކަތްކުރާ އެހެން އޮފީސްތަކުން ވެސް މި އުސޫލު ތަންފީޒު ކުރޭތޯ އަޅުގަނޑުމެން ބަލާނަން ކުރިއަށް ވުރެ ބޮޑަށް،" ސޯބެ ވިދާޅުވި އެވެ. "ހަގީގަތުގައި މިކަހަލަ ކަމެއް ކުރާ އިރު ފުރަތަމަ ކަމަކަށް އެބަޖެހޭ ކައުންސިލުން ނަމޫނާ ދައްކަން."
އައްޑުއަކީ ސާފުތާހިރު އަދި ނަލަ ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ކައުންސިލުން މިހާރު އަންނަނީ މުނިސިނަލް އިންސްޕެކްޓަރުން އައްޔަން ކުރަން ވެސް ތައްޔާރުވަމުންނެވެ.
"މީގެ ސަބަބުން އައްޑޫގެ ހުރިހާ އަވަށެއްގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ. އިންސްޕެކްޓް ކުރެވެން ފެށީމަ ހަގީގަތުގައި އަޅުގަނޑުމެން ނެރެން ބޭނުންވާ ނަތީޖާ ނެރެވޭތޯ ނޫންތޯ ވެސް ބަލަން ފަސޭހަ ވާނެ،" ސޯބެ ވިދާޅުވި އެވެ.