ގްރީން ސްޓްރީޓްސްއާ ދެކޮޅަށް މާޒިޔާ ވަރުގަދަ މެޗަކަށް
ގްރީން ސްޓްރީޓްސްއާ ދެކޮޅަށް މާޒިޔާ ވަރުގަދަ މެޗަކަށް

މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް އެންމެ ފުރަތަމަ ތައްޔާރީތައް ފެށި ދެ ޓީމަކީ ކްލަބް ގްރީން ސްޓްރީޓްސް އާއި މާޒިޔާ އެވެ. ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މި ދެ ޓީމުގައި ހިމެނޭއިރު، މި ފަހަރު ދިވެހި ޕްރިމިއާ ލީގަށް ވާދަކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި މި ދެ ޓީމު ހިމެނެ އެވެ. ލީގުގައި މި ދެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ވެސް ވާދަވެރި ކުރިމަތިލުމަކަށް ނުކުންނައިރު ފަސޭހަނުވާނެ އެވެ.

މާޒިޔާ އަށް މި ފަހަރު އިރުޝާދުދޭނީ 2017 ވަނަ އަހަރު އެ ޓީމަށް މާލޭ ލީގުގެ ތަށި ހޯދައިދިން މެސެޑޯނިއާގެ ކޯޗު މަރްޖާން ސެކުލޮސްކީ އެވެ. ގްރީން ސްޓްރީޓްސް އަށް މި ފަހަރު ވެސް ކޯޗުކޮށްދޭނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ.

"ގްރީން ސްޓްރީޓްސް އަކީ މިހާރު ވަރަށް ވަރުގަދަ ޓީމެއް. ކާމިޔާބު ކޯޗަކާއި ކުރިން ގައުމީ ޓީމަށް ކުޅުނު ފެންވަރު ރަނގަޅު ތަޖުރިބާހުރި މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި. އެއީ ދިވެހި ފުޓްބޯޅައިގެ ހާއްސަ ކުޅުންތެރިން. އަހަރެން ދެކޭގޮތުގައި މި ސީޒަނުގައި ގްރީން ސްޓްރީޓްސް އަކީ ވަރަށް އުނދަގޫ ޓީމަކަށްވާނެ. އެ މީހުން މުބާރާތްތަކަށް ޔަގީނުން ވެސް ވާދަކުރާނެ،" މެޗުގެ ކުރިން ސެކުލޮސްކީ "މިހާރަ"ށް ބުންޏެވެ.

މިއީ ސީޒަނުގެ ފުރަތަމަ މެޗު ކަމަށްވުމުން މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މާ ބޮޑު އަސަރުތަކެއް ކުރާނެ ކަމަށް ނުދެކޭ ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ. އޭނާ އަށް މުހިއްމީ ލީގު ނިމޭއިރު ޓީމު އޮންނަ ހިސާބު ކަމަށްވިޔަސް ބޭނުންވަނީ ފުރަތަަމަ މެޗުން މޮޅުވެގެން ފެށުމަށް ކަމަށް ބުންޏެވެ.

"މެޗަކަށް ފަހު މެޗެއް އަހަރެމެން ބޭނުމީ ރަނގަޅު ކުރަން. މިއީ ވަރަށް ދިގު ސީޒަނެއް. އަހަރެމެން ބޭނުން ކޮންމެ މެޗެއްގައި ވެސް މޮޅަށް ކުޅެގެން ނަތީޖާ ނެރެން،" ކުރިން މިޔަންމާ ލީގުގައި ގިނަ ކާމިޔާބީތަކެއް ހޯދި ސެކުލޮސްކީ ބުންޏެވެ.

މި ސީޒަނަށް ޓީމު ވަރުގަދަކުރިއިރު މާޒިޔާ އިން ސޮއި ހޯދި ކުޅުންތެރިންނަށް ބަލާއިރު ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެ އެވެ. މާޒިޔާއިން ދެ ބިދޭސީ ކުޅުންތެރިން ގެންނަން ނިންމާފައިވާއިރު، މިހާތަނަށް ޓީމާ ގުޅުނީ އަފްގާނިސްތާނުގެ އެއް ވަނަ ގޯލްކީޕަރު އޮވޭސް އަޒީޒީ އެވެ.

މާޒިޔާ އިން ވަނީ މި ފަހަރުގެ ސީޒަނަށް ތައްޔާރުވުމަށް އދ. މަހިބަދޫ އަދި ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އޭގެ ސަބަބުން ޓީމަށް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ސެކުލޮސްކީ ބުންޏެވެ.

"ޓްރެއިނިން ކޭމްޕްގެ ސަބަބުން ޓީމު ވޯކް ރަނގަޅުވެއްޖެ. މި ކުޅުންތެރިންގެ ފެންވަރު އެނގިއްޖެ. އަހަރެން އެންމެ ހިތްހަމަޖެހެނީ މުޅި ޓީމުގެ މަސައްކަތުގެ ރޭޓް ފެނިފައި،" ސެކުލޮސްކީ ބުންޏެވެ.

ސައުދީގެ ޓްރެއިނިން ކޭމްޕްގައި މާޒިޔާ އިން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ޖިއްދާ ކްލަބް އަތުން 2-1 އިން މޮޅުވިއިރު، އަޒުއްރީ އެފްސީގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ. ސެކުލޮސްކީ ބުނީ އޭނާ އަށް މުހިއްމީ އެ ދެ މެޗުގެ ނަތީޖާ ނޫން ކަމަށާއި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ފެންވަރު ރަނގަޅު ދަނޑެއްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުރިއެރުން ކަމަށެވެ. އަދި ލީގުގެ ވާދަވެރި ޓީމުތަކުން މާޒިޔާ އަކީ ފޭވަރިޓެއް ކަމަށް ދުށް ނަމަވެސް އޭނާގެ ފޯކަސް ހުރީ ދަނޑުމަތީގައި އެކަން ސާބިތުކޮށްދިނުމަށް ކަމަށް ބުންޏެވެ.

"ހުރިހާ ކަމެއް ސާބިތުކޮށްދެން ޖެހޭނީ ރަސްމީ މެޗުތަކުގައި. އެއީ ޕޮއިންޓް ލިބޭނީ އެ މެޗުތަކުން. ފުޓްބޯޅައިގައި އަހަރެން އަބަދުވެސް ވިސްނާނީ ދަނޑުމަތީގައި ނަތީޖާނެރެން. އެއީ ހުރިހާ ފޯކަސް އަކީ،" ސެކުލޮސްކީ ބުންޏެވެ.

މި ސީޒަނުގައި ވެސް މާޒިޔާގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން އެ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ އަސަދުﷲ އަބްދުﷲ އެވެ. ވައިސް ކެޕްޓަނުންނަކީ މުހައްމަދު އިރުފާން (އިރޭ) އާއި ސަމޫހު އަލީ (ސަމުއްޓެ) އެވެ.

ގްރީން ސްޓްރީޓްސް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ސޮއި ހޯދި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭގެ އިތުރުން މުހައްމަދު އުމެއިރު، މުހައްމަދު އާރިފް (ބަކާ)، ރިހާމް އަބްދުލް ގަނީ (ބޮބީ)، ގާސިމް ސައްމާމު (ސައްމެ)، އަހުމަދު ރަޝީދު (އައްމަޑޭ)، ހަސަން އަދުހަމް (ސަޑޭ) އަދި ރިލްވާން ވަހީދު (ރިލޭ) ގްރީން ސްޓްރީޓްސްއާ ގުޅިފަ އެވެ.

ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކާ އެކު ގްރީން ސްޓްރީޓްސް މި ސީޒަނަށް ކުރިމަތިލާއިރު ސުޒޭން ހުރީ އެ ޓީމަށް ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ފަަހަރަށް ތަށްޓެއް ހޯދައިދިނުމުގެ އުއްމީދުގަ އެވެ.

"ވަރަށް ރަނގަޅު ސްކޮޑަކާ އެކު ސީޒަން މި ފަށަނީ. މި ސީޒަނުގައި ގްރީން އިން ތަށްޓަކާ ހަމައަށް ދިއުން ކާމިޔާބީތަކެއް ހޯދުން އެއީ ވަރަށް ބޮޑު އަމާޒެއް. މި ވަރުގެ ޓީމަކާ އެކު ނަތީޖާ ވެސް ނެރެވެންޖެހޭނެ. ތަށި ވެސް ހޯދެންޖެހޭނެ. ގްރީންގެ ކޯޗަކަށް ކޮންމެ މީހަކު ހުރި ކަމުގައި ވިޔަސް މި ވަރުގެ ޓީމަކާ އެކު އެ ޕްރެޝަރު އޮންނާނެ،" ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސް އިން ބޮޑު އަމާޒެއްގައި ސީޒަނާ ކުރިމަތިލާއިރު ދަގަނޑޭ ހުރުމަކީ އެކަމަށް ލިބޭނެ ފަސޭހައެއް ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

"ހަމަ ޔަގީނުން ވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ (އަޝްފާގު)އާ އެއްކޮށް މަސައްކަތްކޮށްލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނީ. ނަތީޖާ ނެރެން ޖެހޭ މުބާރާތަކަށް ސީޒަނަކަށް ނުކުންނައިރު. ގްރީން ވަރަށް ރަނގަޅުވާނެ. ނަތީޖާ އަށް ކުޅެން ޖެހޭއިރު ހުރިހާ އިރެއްގައި ވެސް އެކަން ކުރެވޭނެ ކުޅުންތެރިން އެބަތިބި،" ވިކްޓްރީ އާއި ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ ސުޒޭން ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ގްރީން ސްޓްރީޓްސް އަށް ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީމުގެ މުހިއްމު އެއް މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)ގެ ކަކުލަށް އަނިޔާވުމެވެ. ޕްރެކްޓިސްގައި އަޑުބަރޭގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ސީޒަންގެ ފުރަތަމަ މެޗުތަކުގައި އޭނާ ނުފެންނާނެ އެވެ.

ދެ ވަަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، 2017 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ގްރީން ސްޓްރީޓްސް އިން ވަނީ އެ އަހަރު މާލޭ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. އޭގެ ފަހުން އެ ޓީމަށް ލީގުގައި އެންމެ އެކަށީގެންވާވަރުގެ ކާމިޔާބެއް ނުހޯދެ އެވެ. އެކަމަކު މި ސީޒަނަށް ގްރީން ސްޓްރީޓްސް އިން ވަނީ ވަރަށް ފުރިހަމަ އަށް ތައްުޔާރުވެފަ އެވެ.

މާޒިޔާ އާއި ގްރީން ސްްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.