18 ޖޫން 2019 - 13:44

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަތަކުގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ ޑީޑީއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ރޭ އެ ކޮމިޝަނަށް ހާޒިރުކުރުމުން އޭނާ އެގޮތަށް އެދިވަޑައިގެންފައި ވަނިކޮށެވެ. ޑީޑީގެ ވަކީލް އާދަމް އާސިފް ރޭ ވިދާޅުވި ގޮތުގައި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ޑީޑީ ބޭނުންވަނީ އާންމުންނާއި މީޑިއާ އަށް ހުޅުވާލައިގެންނެވެ. ޑީޑީ އެގޮތަށް އެދިވަޑައިގަތުމުން، ތަހުގީގު އެހެން ދުވަހަކަށް ފަސްކުރީ ކަމަށް އާސިފް ވިދާޅުވި އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެ ކޮމިޝަންގެ ޑިރެކްޓަރު މޫމިނާ އުމަރު ވިދާޅުވީ ފަނޑިޔާރު ޑީޑީގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ބަލަން އެކަމަށް އެކަށޭނަ ތަނެއް ހޯދަމުން އަންނަ ކަމަށެވެ. އެ މައްސަލަ ބަލަން ފަށާނީ ކޮން އިރަކުންތޯ ދެންނެވުމުން އޭނާ ވިދާޅުވީ ތަނެއް ހަމަޖެހުނުހާ އަވަހަކަށް އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.
މޫމިނާ ވިދާޅުވި ގޮތުގައި، ފަނޑިޔާރު ޑީޑީގެ ދެ މައްސަލައިގެ އިތުރުން އެމަނިކުފާނާ ގުޅޭ އެހެން ތިން މައްސަލައެއް ވެސް ކޮމިޝަނަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެއީ ކޮން މައްސަލަތަކެއް ކަމެއް މޫމިނާ ވިދާޅެއް ނުވެ އެވެ. އާ ތިން މައްސަލައާ އެކު ޑީޑީގެ ޖުމުލަ ފަސް މައްސަލައެއް ޖޭއެސްސީން މިހާރު އަންނަނީ ބަލަމުންނެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ސަސްޕެންޑު ކުރަން އެ ކޮމިޝަނުން ވަނީ މިދިޔަ ހަފުތާގައި ނިންމައިފަ އެވެ. އެކަމަކު އެ ނިންމުމަށް އަމަލުކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލައިގައި ނާޅަން ސުޕްރީމް ކޯޓުން އަމުރުކޮށް، ޑީޑީ މަސައްކަތަށް ވެސް ނުކުމެވަޑައިތެވެ. ނަމަވެސް، އެ އަމުރު ބަލައިނުގަތުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
ޖޭއެސްސީން ރޭ ބުނި ގޮތުގައި ބަލަމުން އަންނަނީ ޑީޑީއާ ގުޅޭ ގޮތުން ފުލުހުން ބަލާ މައްސަލައެއްގައި، އޭނާގެ ސުލޫކީ މައްސަލައެއް ހިމެނޭތޯ އާއި ސަސްޕެންޑްކޮށްފައި ވަނިކޮށް މަސައްކަތަށް ނުކުމެވަޑައިގަތް މައްސަލަ އެވެ.