18 ޖޫން 2019 - 13:23

ކުރިން 65 މިލިއަން ރުފިޔާއަށް ހަވާލުކުރި ނަރުދަމާގެ މަޝްރޫއުތައް އާންމުކޮށް ބިޑަށް ހުޅުވާލުމުން މިހާރު 30 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ޕްރައިވެޓް ސެކްޓަރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ހުރިހާ އެންމެންނަށް ހަމަހަމަ އުސޫލުން ބިޑަށް ހުޅުވާލުމުން ހަރަދު ކުޑަކޮށް ސަރުކާރަށް މަޝްރޫއުތައް ހިންގޭ ކަމަށެވެ.
ސަރުކާރުގެ ވައުދުތައް ފުއްދަން އަމިއްލަ ވިޔަފާރިތަކުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމުން ކޮރަޕްޝަނަށް އޮންނަ ފުރުސަތު ވެސް ހަނިވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އަމިއްލަ ކުންފުނިތަކުން ކޯޕަރޭޓް ގަވާނެންސް ކޯޑަކަށް އަމަލު ކުރަން ޖެހޭ އިރު އެ ކުންފުންޏެއްގެ ބޯޑުން އެކަންކަމަށް ކުންފުނި ޖަވާބުދާރީ ކުރުވާތީ ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޕްރައިވެޓް ސެކްޓަރު ކާމިޔާބު ވެގެން ނުދަނީ އެކަމަށް ރަނގަޅު މޮޑެލްއެއް ނުގެންގުޅޭތީ އެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރަށް ހާއްސަ ޕޮލިސީއެއް އެކުލަވާލަން ޖެހޭ ކަމަށާއި އެ އުސޫލުތައް ގާނޫނީ އޮނިގަނޑުގެ ތެރެއަށް ވައްދަން ވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ވަރަށް ގިނަ ސްޓޭޓް އޯން އެންޓަޕްރައިޒަޒްތައް އެބަހުރި. މިދިޔަ ސަރުކާރުތަކުން އެންމެ ބޮޑެތި ކޮރަޕްޝަންތައް ހިންގާފައި ވަނީ މިފަދަ ކުންފުނިތައް މެދުވެރިކޮށްގެން. އެހެންކަމުން މި ސަރުކާރުގެ ވައުދެއް އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވިޔަފާރީގައި ބައިވެރިވުން ކުޑަކުރުން،" އަމީރު ވިދާޅުވި އެވެ.
މިއަދު ހަވީރު ނިމޭ މި ފޯރަމްގައި ޒުވާން ފިނޭންސް މިނިސްޓަރު ވިދާޅުވީ ގާނޫނީ ނިޒާމެއް ގާއިމްކުރުމުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ދިމާވާ، މައްސަލަތައް ފަސޭހައިން ހައްލު ވެސް ކުރެވެން ޖެހޭ ކަމަށެވެ.
ޕާޓްނާޝިޕް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ފޮރިން އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކުރަން ގާނޫނަށް ބަދަލު ގެންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ވަނީ ނޫ އިގްތިސާދުގައި ހިމެނޭ މަޝްރޫއުތަކާއި އިޖްތިމާއީ ދާއިރާއިންނާއި އަދުލް އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ ޕްރޮޖެކްޓްތަކެއް ހުށަހަޅައިފަ އެވެ.