18 ޖޫން 2019 - 15:33

މާލެ އާއި ދެކުނުގެ ފަސް އަަތޮޅެއްގައި ޖުމްލަ 9،200 ހައުސިން ޔުނިޓް އެޅުމުގެ ފްރޭމްވޯކް އެއްބަސްވުންތަކެއްގައި ޗައިނާ އާއި އިންޑިއާގެ ކުންފުނިތަކަކާ އެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި އެވެ.
މި ބޮޑު ދެ މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ މިދިއަ އެޕްރީލް މަހާއި މިދިއަ މަހު ކަމަށް ވިޔަސް، ސަރުކާރުން އެކަން ހާމަކުރީ ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމަށް އެރުއްވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދާއި ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން އެވެ.
މިއީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން ކުންފުނިތަކަކާ އެކު މިހާ ބޮޑު މަޝްރޫއުތަކެއްގައި އާ ސަރުކާރުން ސޮއިކުރި ފުރަތަމަ ފަހަރެވެ.
މާލޭގައި 4،200 ހައުސިން ޔުނިޓް އެޅުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ ޗައިނާގެ ކުންފުންޏަކާ އެވެ. އަދި ދެކުނުގެ ފަސް އަތޮޅެއްގައި އަޅާ 5،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކް އެއްބަސްވުން ހެދީ އިންޑިއާގެ "ދެތިން ކުންފުންޏަކާ" އެކު ކަމަށް ވެ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އެ ކުންފުނިތަކުން ކުރަން ޖެހޭނެ ކަމަކީ ހައުސިން ޔުނިޓްތަކުގެ ކުރެހުމާއި ދާނެ ހަރަދު ކަނޑައެޅުމެވެ. އޭގެ ފަހުން ފައިސާ ހޯދައި، ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ހަވާލުކުރަން ވަކި އެގްރިމެންޓެއްގައި ސޮއިކުރާނެ އެވެ.
ޝާމިން ވިދާޅުވި ގޮތުގައި މިއީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި "ފަހި ދިރިއުޅުން ކޯޕަރޭޝަން" މެދުވެރިކޮށް ކުރިއަށް ދާ މަސައްކަތްތަކެކެވެ.
ދެކުނުގައި ހައުސިން ޔުނިޓްތައް އަޅާނީ ކޮން ރަށްރަށެއްގައި ކަން އަދި ކަނޑައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ނިންމާނީ، ޝާމިން ވިދާޅުވި ގޮތުގައި، ބޯހިޔާވެހިކަން ބޭނުންވާ މިންވަރު ބަލަން ކުރާ ދިރާސާއަށް ފަހު އެވެ. އެ ދިރާސާތަކާ އެކު ރަށްރަށުގެ ކައުންސިލްތަކާ އެކު ވެސް މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާމިން ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރުގެ ސަރުކާރުން އަޅަން އުޅޭ 4،200 ހައުސިން ޔުނިޓްގެ އިތުރުން 2000 ހައުސިން ޔުނިޓެއް އަޅަން ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ.