18 ޖޫން 2019 - 12:29

ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ދަތުރުފަތުރުގެ ސިޔާސަތު ރަނގަޅު ކަމަށާއި އެ ސިޔާސަތު މި ސަރުކާރުން ދަމަހައްޓާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު އިއްޔެ ވިދާޅުވެފައި ވަނީ މި ސަރުކާރުގެ އަމާޒަކީ ފަސޭހަކަމާ އެކު ދަތުރުފަތުރު ކުރެވޭނެ ފެރީގެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން އެއާޕޯޓުތައް ތަރައްގީކުރުން ކަމަށެވެ.
ނަމަވެސް އެއާޕޯޓުތައް ތަރައްގީ ކުރުމަކީ ރައީސް ޔާމީނުގެ ސިޔާސަތެއް ކަމަށް ބުނެ އެ ސިޔާސަތަށް މި ސަރުކާރުން ތާއީދު ކުރަނީތޯ އާންމުންގެ މީހަކު ފައްޔާޒާ ވަނީ ޓްވިޓާގައި ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ރައީސް ޔާމީިން ގެންގުޅުއްވި ސިޔާސަތަކީ އޭނާ ވެސް ތާއީދު ކުރައްވާ ސިޔާސަތެއް ކަމަށެވެ. އަދި އެ ސިޔާސަތަށް މި ސަރުކާރުން އަމަލު ކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން މި ސަރުކާރުން ދަތުރުފަތުރުގެ ނިޒާމް އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރާނީ ވައިގެ ދަތުރުތަކާއި ކަނޑުގެ ދަތުރުތައް ވެސް ހިމަނައިގެން ކަމަށް އެ ޓްވީޓުގައި ފައްޔާޒު ވިދާޅުވި އެވެ.
ޕާޓްނާޝިޕް ފޯރަމުގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު އިތުރަށް ބޭނުން ވަނީ ފަސް ވަރަކަށް އެއާޕޯޓް ކަމަށެވެ.
ރައީސް ޔާމީންގެ އެއާޕޯޓުގެ ސިޔާސަތުގެ އިތުރުން މާލެ އާއި، ވިލިމާލެ އަދި ގުޅިފަޅު ގުޅާލުމަށް އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތަށް ވެސް މި ސަރުކާރުން ވަނީ ތާއީދުކޮށްފަ އެވެ. އެގޮތުން ޕާޓްނާޝިޕް ފޯރަމުގައި މި ސިޔާސަތު ހުށަހެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.