18 ޖޫން 2019 - 11:48

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކޮށްފައިވާއިރު، އެ އެސޯސިއޭޝަނުގެ ކަންތައްތައް ރަނގަޅުކުރާއިރު އަމަލުކުރާނީ އޮންނަ އުސޫލުގެ ތެރެެއިން އެންމެ ރަނގަޅަށް ކަމަށް ނޯމަލައިޒިން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) ވިދާޅުވެއްޖެ އެވެ.

ވީއޭއެމްއާ ގުޅޭގޮތުން ހުށަހެޅުނު ގިނަ ޝަކުވާތަކެއްގެ މައްސަލަ ބެލުމަށް ފަހު ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލުމަށް ފަހު ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރީ ވީއޭއެމްގެ ކަންތައްތައް ދުވަހުން ދުވަހަށް ބެލުމާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދު އިސްލާހުކުރުމާއި ހިންގާ ކޮމިޓީގެ އިންތިހާބުގެ ކަންތައްތައް އަވަސްކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެވެ.
އެކުލަވާލި ކޮމިޓީގެ ރައީސަކަށް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް އައްލޯ ހުރިއިރު، ނޯމަލައިޒިން ކޮމިޓީގެ ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އާއި މަރިޔަމް ޖުމާނާ އެވެ.
މި މަހު 13 ވަނަ ދުވަހު ނޯމަލައިޒިން ކޮމިޓީން ވަނީ ވީއޭއެމާ ހަވާލުވެފަ އެވެ. އައްލޯ "މިހާރަ"ށް ވިދާޅުވީ ދީފައިވާ މުއްދަތުތެރޭގައި ކަންތައްތައް ފުރިހަމަނުކުރެވޭނަމަ ނޯމަލައިޒިން ކޮމިޓީގެ ދައުރު ދައްމާލުމުގައި ގޮތެއް ނިންމަވާނީ ކޮމިޝަނާ އޮފް ސްޕޯޓްްސް ކަަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތް މިއީ ވަރަށް ރަނގަޅަށް ކުރަންޖެހޭ ކަމެއް. މިކަން ކުރަން ޖެހޭނީ އެންމެ ރަނގަޅަށް އޮންނަ އުސޫލުގެ ތެރެއިން ވީއޭއެމްގެ ސްޓާފުންނާއި އެންމެނަށް މަސައްކަތްކުރުމުގެ ޖާގަދީގެން. ދެން މިހާރު މި ކުރިއަށްދަނީ އެއްކުރަން ޖެހޭ މައުލޫމާތާ ބެހޭ ކަންތައްތައް. އެ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު އަސްލު މަސައްކަތްތައް ފެށިގެންދާނެ،" އައްލޯ ވިދާޅުވި އެވެ.
ނޯމަލައިޒް ކޮމިޓީގެ ދައުރުގައި ކުރަން ޖެހޭ ކަންތައްތައް އަދާކުރަން ޖެހޭނީ ވަރަށް ރަނގަޅަށް ކަމަށާއި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމުގައި ބަލަންޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަވާންޖެހޭތީ އެކަން ކުރާނީ މަޝްވަރާކުރަން ޖެހޭ ފަރާތްތަކާ އެކު އެކަން ކުރުމަށް ފަހު ކަމަށް އައްލޯ ފާހަގަކުރެއްވި އެވެ.
މި ދުވަސްވަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ އަންހެން ވޮލީ ޓީމާއި ސީނިއާ އަންހެން ވޮލީ ޓީމުގެ އިތުރުން ސީނިއާ ފިރިހެން ވޮލީ ޓީމު އަންނަނީ އަންނަ މަހު އޮންނަ މުބާރާތްތަކަށް ފަރިތަކުރަމުންނެވެ. ޒުވާން އަންހެން ޓީމު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ވިއެޓްނާމްގައި އޮންނަ 23 އަހަރުން ދަށުގެ މުބާރާތަށެވެ. އަދި ސިނިއާ އަންހެން އަދި ފިރިހެން ޓީމު ފަރިތަކުރަމުން އަންނަނީ އަންނަ މަހު މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. ނޯމަލައިޒިން ކޮމިޓީން ވަނީ އެ ގައުމީ ޓީމުތަކުގެ ހުރިހާ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ.
ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައިވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފަށް އެ މަގާމު ލިބިވަޑައިގަތީ ދެން ބޭއްވި އިންތިހާބަށް ފަހު އެވެ.
ނޯމަލައިޒިން ކޮމިޓީގެ ދައުރު ފުރިހަމަކޮށް ދެން ބާއްވާ އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށް ލަތީފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ވީއޭއެމްގެ މައްސަލަތައް ބަލަމުންދަނިކޮށް ލަތީފް މި މަހު އަށް ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް ބޮޑު ހީނާ އަށް ފޮނުއްވި ސިޓީގައި އެދިފައިވަނީ ވޮލީގައި ކުރެވެމުން އަންނަ އިސްލާހީ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި އެ އަށް ފަހު އަވަސް އިންތިހާބަކަށްދާނަމަ މަރުހަބާކިޔާނެ ކަމަށެވެ. އެކަމަކު އަވަސް އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.