19 ޖޫން 2019 - 07:34

ތަފާތު އެކި ވައްތަރުގެ އުފެއްދުންތައް އޯލްޓް ބަލާޖީން ގެނެސް ދެމުން އަންނަ ޕްރޮޑިއުސަރު އެކްތާ ކަޕޫރް އަނެއްކާ ވެސް ތަފާތު ޝޯއެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.
މި މަހުގެ 27 ގައި ސްޓްރީމް ކުރަން ފަށާ މި ޝޯއަކީ "ބޫ...ސަބް ކީ ޕަޓޭގީ" ގެ ނަން ދީފައިވާ ބިރުވެރި ކަންތައްތަކެއް މަޖާ ގޮތަކަށް ގެނެސް ދޭނެ އެއްޗެކެވެ. މިހާރު ޓްރެއިލާ ވެސް ދައްކާލާފައިވާ މި ޝޯގެ ކާސްޓުންގެ ތެރޭގައި އެކްތާގެ ކޮއްކޮ އަދި ބޮލީވުޑްގެ އެކްޓަރު ތުޝާރު ކަޕޫރް، މަލިކާ ޝެރާވަތު، ސަންޖޭ މިޝްރާ އަދި ކަޕިލް ޝަރުމާ ޝޯ އިން ފެންނަ މަޝްހޫރު ކޮމީޑިއަނުން ކަމަށްވާ ކުރުޝްނާ (ސަޕްނާ) އަބީޝެކް އަދި ކިކޫ (ބައްޗާ ޔާދަވް) ޝްރަދާ ހިމެނެ އެވެ.
ހޮރޯ ކޮމެޑީ "ބޫ" ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ "ހައުސްފުލް 3" ގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީ އެވެ.
އޭނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސް ދޭނެ ފިލްމަކީ އޮކްޓޯބަރު 25 ގައި ރިލީޒްކުރާ "ހައުސްފުލް 4" އެވެ.
ބުލީ އަށް ބިނާކޮށް ހަދާފައިވާ ސައިކޮލޮޖިކަލް ތުރިލާ "ނޯބްލްމެން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އެހާ މަޝްހޫރު ނޫން ތަރިންތަކެއް ހިމެނޭ މި ސައިކޮލޮޖިކަލް ޑްރާމާގެ އެންމެ ހާއްސަ އެއް އެކްޓަރަކީ "ރަންގް ދެ ބަސަންތީ" ފަދަ ފިލްމުތައް ކުޅުނު ކުނާލް ކަޕޫރެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ ހާޖީ، މުހައްމަދު އަލީ މީރް، މުސްކާން ޖެފްރީ، ޝާން ގްރޯވާ އަދި ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން ހިމެނެ އެވެ.
ޔޫޑްލީ ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ "ނޯބްލްމެން" ޑައިރެކްޓްކޮށްފައި ވަނީ ވަންދަނާ ކަޓާރިއާ އެވެ.
މި މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރާ ޝާހިދު ކަޕޫރްގެ ފިލްމު "ކަބީރު ސިންގް" އަށް ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބިއެފްސީ) އިން އޭ ސެޓްފިކެޓް ދޫކޮށްފި އެވެ.
އޭގެ މާނައަކީ ޝާހިދާއި ކިއާރާ އަދުވާނީ ލީޑް ރޯލް ކުޅެފައިވާ ފިލްމު ހާއްސަ އިން ބޮޑެތި މީހުންނަށް އެކަނި ކަމެވެ. "ކަބީރު ސިންގް" އަކީ 2017 ގައި ރިލީޒް ކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެކެވެ. އެ ފިލްމަކީ ވެސް އެޑަލްޓް ސެޓްފިކެޓް ދޫކުރި ފިލްމެކެވެ.
ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ކިޔައި ދޭނީ ލޯބީގެ މައްސަލަގަނޑެއްގައި އަމިއްނަ ނަފުސު ހަލާކު ކުރާ މެޑިކަލް ސްޓޫޑަންޓެއްގެ ވާހަކަ އެވެ. އެގޮތން "ކަބީރު ސިންގް" ގައި ގިނަ އަދަދަކަށް އަނިޔާވެރި މަންޒުތަކާއި ރަލާއި ދުންފަތުގެ އިސްމާލު ކުރާ ގިނަ މަންޒަރުތަކެއް ހިމެނޭނެ އެވެ.
އެކްޓަރު ނީލް ނިތިން މުކޭޝްގެ ކޮއްކޮ ނަމަން ނިތިކް މުކޭޝްގެ އަލަތު ޑައިރެކްޝަން "ބައިޕާސް ރޯޑް" ގެ ޝޫޓިން ނިންމާލައިފި އެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ވެސް ނީލް އެވެ. އަދި ރިލީޒް ކުރާ ތާރީހެއް އިއުލާންކޮށްފައި ނުވާ މި ފިލްމު މި އަހަރުގެ ފަހުކޮޅު ސިނަމާތަކަށް އަންނާނެ އެވެ. "ބައިޕާސް ރޯޑް" ގެ ކާސްޓުންގެ ތެރޭގައި އަދާ ޝަރުމާ، ގުލް ޕަނަންގް، ސުދާންޝޫ ޕާންޑޭ، ރަޖަތު ކަޕޫރް އަދި މަނީޝް ޗައުދަރީ ހިމެނެ އެވެ.
ނީލްގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓް މަހު ރިލީޒް ކުރާ ޕްރަބާސްގެ "ސާހޯ" އެވެ. އެ ފިލްމުގައި އޭނާ ފެންނާނީ ނުބައިބައި ރޯލަކުންނެވެ.