07 ސެޕްޓެމްބަރ 2016 - 16:01

އީދުގައި ގިނަ ބަޔަކު ރާއްޖެ އިން ބޭރަށް ދާނެތީ ބީއެމްއެލުން ޑޮލަރު ވިއްކާ ނިސްބަތް އިތުރުކޮށް މިހާރު ދުވާލަކު 700 ޓިކެޓަށް ޑޮލަރު ވިއްކަމުން އަންނަ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބަންދާ ދިމާކޮށް ޑޮލަރު ގަންނަ މީހުން ގިނަވެގެން ބީއެމްއެލް ބާޒާރު ބްރާންޗު ދޮށުގައި އޮންނަ ކިއޫ މިހާރު ވަނީ ދިގުވެފަ އެވެ.
ބީއެމްއެލުން ބުނި ގޮތުގައި ދުވާލަކު 700 ޓިކެޓަށް ޑޮލަރު ވިއްކުން އިތުރުކުރީ މި ހަފުތާގެ ނިޔަލަށެވެ. އެގޮތުން މިދިއަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް މިހާތަނަށް 1.1 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މިދަނީ ޑޮލަރަށް އޮންނަ ޑިމާންޑަށް ކޭޓަކުރުމަށް މަސައްކަތް ކުރަމުން،" ބީއެމްއެލް އިން ނެރުނު ބަޔާނެއްގައިވެ އެވެ.
ގައުމީ ބޭންކުން ބުނީ ހައްޖުވެރިން ފުރި ދުވަސްވަރާ ދިމާކޮށް 350 ޓިކެޓަށް ޑޮލަރު ވިއްކަމުން ގޮސް، އެ ނިސްބަތް ދުވާލަކު 500 ޓިކެޓަށް އިތުރުކުރި އެވެ.
ދިވެހި ދަތުރުވެރިންނަށް އަމާޒުކޮށް ޓިކެޓަށް އެންމެ ގިނައިން ޑޮލަރު ވިއްކަމުން އަަންނަނީ ވެސް ބީއެމްއެލް އިން ކަން އެ ބޭންކުން ބުނެ އެވެ.
"ބީއެމްއެލް މެދުވެރިކޮށް ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދުން ވެސް" އެކަން އެނގޭ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.