ސަނީ ޑިއޯލްގެ ދަރިފުޅުގެ ފިލްމު ސެޕްޓެމްބަރު 20 އަށް ތާވަލުކޮށްފި
ސަނީ ޑިއޯލްގެ ދަރިފުޅުގެ ފިލްމު ސެޕްޓެމްބަރު 20 އަށް ތާވަލުކޮށްފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕަލް ޕަލް ދިކް ކޭ ޕާސް" އަންނަ ސެޕްޓެމްބަރު މަހުގެ 20 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ސަނީ ޑައިރެކްޓް ވެސް ކޮށްފައިވާ ފިލްމު ބެލުންތެރިންނަށް ގެނެސް ދޭން ކުރިން އޮތީ އަންނަ މަހުގެ 19 ގަ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ފިލްމު އެ ތާރީހުގައި ރިލީޒް ނުކޮށް ފަސްކުރީ ބޮކްސް އޮފީހުގައި މެޑޮކް ފިލްމްސްގެ "އަރުޖުން ޕަޓިއާލާ" އާ ކުރިމަތިލުމަކަށް ނުދާންވެގެންނެވެ.

މިދިޔަ މަހު އިންޑިއާގެ ލޯކް ސަބާ އަށް އިންތިހާބު ވެސް ކާމިޔާބުވި ސަނީ ކުރި ޓްވީޓެއްގައި ވެސް ވަނީ ސެޕްޓެމްބަރު 20 އަށް ފިލްމު ތާވަލު ކުރިކަން ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް ތާރީހަށް މި ފަހަރު ގެނައި ބަދަލާ އެކު ވެސް "ޕަލް ޕަލް ދިލްކޭ ޕާސް" އަށް އިތުރު ދެ ފިލްމަކާ ވާދަ ކުރަން ޖެހޭނެ އެވެ. އެއީ އަމީތާބް ބައްޗަންގެ "ޖުންދު" އާއި ސޯނަމް ކަޕޫރްގެ "ޒޯޔާ ފެކްޓާ" އާ އެވެ.

ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމު "ޕަލް ޕަލް ދިލްކޭ ޕާސް" އިން ކަރަން، 28، އާ އެކު، އާ ބަތަލާއަކު ވެސް ބޮލީވުޑަށް ތައާރަފު ކުރާނެ އެވެ. އެއީ ސަހެރް ބަމްބާ އެވެ.

ކަރަން އަކީ މަޝްހޫރު ތަރިންގެ ދަރިންގެ ތެރެއިން ބޮލީވުޑަށް މި އަހަރު ނެރެން ނިންމާފައިވާ އެކްޓަރުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް ލޯއަޅާ އެކެކެވެ. އޭނާގެ ބައްޕަ ސަނީ އާއި ކާފަ ދަރުމެންދުރާއަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެކްޓަރުންގެ ތެރޭގައި ހިމެނުނު ތަރިންނަށްވާތީ، ކަރަންއާ ދޭތެެރޭ ވެސް ކުރެވޭ އުންމީދުތައް ބޮޑެވެ.

"ޕަލް ޕަލް ދިލް ޕާސް" ސަނީ ސިފަކޮށްފައި ވަނީ ބެލުންތެރިންގެ ހަނދާނުގައި ގިނަ ދުވަސްތަކަކަށް ބިންވަޅު ނެގިފައި އޮންނާނެ ކަހަލަ "އެޑްވެންޗަރަސް ލަވް ސްޓޯރީއެއް" ގެ ގޮތުގަ އެވެ. ސަނީގެ ފުރަތަމަ ފިލްމު 1983 ގެ "ބޭތާބު" އަކީ ވެސް ފަނޑުވުމެއް ނެތް އަދި އެހާމެ ރީތި ލަވަތަކެއް ވެސް ހިމެނު ފިލްމެކެވެ.

އޭނާގެ ދަރިފުޅުގެ ފިލްމަށް ނަން ދީފައިވާ ވަނީ ދަރޭގެ ވަރަށް ކާމިޔާބު ފިލްމު ކަމަށްވާ 1973 ގެ "ބްލެކްމެއިލް" ގެ ލަވަ "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ފެށޭ ކަޑިންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ލަވައިގެ އާ ވާޝަނެއް ކަރަންގެ ފިލްމުގައި ވެސް ހިމެނޭނެ އެވެ.