18 ޖޫން 2019 - 11:22

އެމްއެންޑީއެފްގެ ހިދުމަތްތައް ފުޅާ ކުރުމަށް ޖަޕާނު ސަރުކާރާ އެކު 4.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ޖަޕާނުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑެވެލޮޕްމަންޓް" ޕްރޮގްރާމުގެ ދަށުން އެމްއެންޑީއެފަށް އަލިފާން ނިއްވާ ބޯޓަކާއި ލޭންޑިން ކްރާފްޓެއް ހޯދުމަށް ހިލޭ އެހީ ދިނުމުގެ ގޮތުން ވި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކީކޯ ޔަނައި އެވެ.
ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ބުނީ މި އެއްބަސްވުމުގެ ސަބަބުން އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ ދިފާއީ ބާރުތަކުގެ މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށެވެ.
ކުރުނބާ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ ޕާޓްނާޝިޕް ފޯރަމުގައި ރާއްޖެއިން ވަނީ ތަފާތު ދާއިރާތަކުން އެކި ގައުމުތަކާއި ޖަމިއްޔާތަކާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެގޮތުން އޭޑީބީއާ އެކު 10 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާއިރު އީޔޫއާއެކު ފަސް މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަކީ ރާއްޖެ އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއެރުވުމަށް ބޭރު ގައުމުތަކުގެ އެހީއާ ހިޔާލު ހޯދުމަށް ކުރިއަށްގެންދާ ފޯރަމެކެވެ.