ޓޮޓީ 30 އަހަރަށް ފަހު ރޯމާ ދޫކޮށްލައިފި
ޓޮޓީ 30 އަހަރަށް ފަހު ރޯމާ ދޫކޮށްލައިފި

ރޯމް (ޖޫން 18) – އޭއެސް ރޯމާ އަށް މަރުދިން އެ ޓީމުގެ ކުރީގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ އެ ކްލަބުގެ ޑިރެކްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދީފައިވާއިރު އޭނާ އިޓަލީގެ އެހެން ކްލަބަކާ ގުޅުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އުމުރުން 12 އަހަރުގައި ރޯމާގެ ޔޫތު އެކަޑަމީއާ ގުޅި މުޅި ކެރިއަރުގައި ރޯމާގައި ހޭދަކުރި ޓޮޓީ އަށް އެތައް ކްލަބަކުން ލިބުނު ބޮޑެތި އޮފާތަކަށް ފުރަގަސްދިނީ އެ ކްލަބަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި 2017 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު ވެސް ޑިރެކްޓަރެއްގެ ގޮތުގައި ކްލަބުގައި މަސައްކަތްކުރަން ފެށީ އެވެ. އެކަމަކު ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ހުށަހަޅާފައިވަނިކޮށް އޭނާ އިއްޔެ އިސްތިއުފާ ދިނީ މިދިޔަ ދެ އަހަރު، އޭނާ އެކަހެރިކޮށް އެއްވެސް ނިންމުމެއްގައި ބައިވެރިކޮށްފައިނުވާތީވެ އެވެ.

"އަހަރެން ދުވަހަކު ވެސް ހިޔެއް ނުކުރަން މިވަގުތު އަންނާނެ ކަމަށް. މިއީ އަހަންނަށް ހިޔާލަށް ގެންނަން ވެސް ދަތިކަމެއް،" ޓޮޓީ ބުންޏެވެ. "މިކަމާ އަހަރެން ވިސްނަން މަޖުބޫރުވި ބައިވަރު ކަންތައްތަކެއް ދިމާވި. އެ މީހުން އެއްގޮތަކަށް ވެސް އަހަރެން ބައިވެރިނުކުރޭ. އެ މީހުން އަހަންނަށް ހަމައެކަނި ގުޅީ އުނދަގޫތަކާ ކުރިމަތިވުމުން. ދެ އަހަރުގެ ތެރޭގައި އަހަރެން ބައިވެރިވީ 10 ވަރަކަށް ބައްދަލުވުމުގައި."

ޖުމްލަ 30 އަހަރަށް ފަހު ރޯމާ ދޫކޮށްލި ޓޮޓީ ބުނީ ދެން އޭނާ އިހުތިޔާރުކުރަނީ އެހެން މަގެއް ކަމަށާއި އެކަމަކު ކްލަބަށް އެހެން ވެރިޔަކު އައިސް އޭނާ އަށް ގޮވާލައިފި ނަމަ ދާން ހުންނާނީ ތައްޔާރަށް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަމްޕްޑޯރިއާ އާއި ފިއޮރެންޓީނާ އިން ވަނީ ޓޮޓީ އަށް ޑިރެކްޓަރެއްގެ ރޯލް ހުށަހަޅައިފަ އެވެ. ޓޮޓީ ބުނީ އޭނާ އަށް ކުރެވިދާނެ ބައިވަރު ކަންކަން އެބަހުރި ކަމަށާއި ލިބިފައިވާ އޮފާތައް ބަލަމުން އަންނަ ކަމަށެވެ.

"އަހަރެން ނުހުންނާނަން ވަޒީފާއެއް ނެތި. އިޓަލީގެ ކްލަބްތަކުން ބައެއް އޮފާތައް އައިސްފައި އެބަހުރި. ހުރިހާ އޮފާތަކެއް ވެސް ބަލައިގަންނަން ސަބަބަކީ އަހަރެން މިވަގުތު މިހުރީ ހުހަށް ކަމަށް ވާތީ،" ފީފާ ނުވަތަ ޔުއެފާ އިން ފެނިދާނެ ކަމަށް ވެސް ބެލެވޭ ޓޮޓީ ބުންޏެވެ.

އެކަމަކު ރޯމާ އަށް ކުރާ އިހުތިރާމެއްގެ ސަބަބުން ޔުވެންޓަސް ނުވަތަ ނަޕޯލީއާ ނުގުޅޭނެ ކަމަށް ޓޮޓީ ބުންޏެވެ. އޭނާ އަށް އޮފާކޮށްފައިވާ ކްލަބްތަކުގެ ތެރެއިން ސަމްޕްޑޯރިއާގެ ރައީސް މަސިމޯ ފެރޭރޯ އަކީ ރޯމާގެ ބޮޑު ސަޕޯޓަރެކެވެ. އަދި އެ ޓީމުގެ ކޯޗަކަށް ގެންނަން މަސައްކަތްކުރާ ޔުސޭބިއޯ ޑި ފްރެންސެސްކޯ އަކީ ރޯމާގެ ކުރީގެ ކޯޗުގެ އިތުރުން ޓޮޓީއާ އެކު އެ ކްލަބަށް ކުޅުނު ކުޅުންތެރިޔެކެވެ. އަނެއްކޮޅުން ފިއޮރެންޓީނާގެ ކޯޗަކީ ޓޮޓީއާ އެކު ރޯމާގައި މޮޅަށް ކުޅުނު ވިންޗެންޒޯ މޮންޓެލާ އެވެ. ޑިރެކްޓަރަކީ ރޯމާގެ ކުރީގެ ޑިރެކްޓަރު ޑެނިއަލީ ޕްރާޑް އެވެ.