ޔުއެފާ ޔޫތު މުބާރާތުގައި ރާއްޖެ ޓީމުގެ ކޯޗަކަށް ޖަޑާ
ޔުއެފާ ޔޫތު މުބާރާތުގައި ރާއްޖެ ޓީމުގެ ކޯޗަކަށް ޖަޑާ

ޔުއެފާގެ އެހީގައި އެފްއޭއެމުން އަންނަ މަހު އައްޑޫގައި ބާއްވާ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ހުންނާނީ ކުރިން ވެސް އެ މަގާމުގައި ފުރަމުން އައި ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ހަލީމް (ޖަޑާ) އެވެ.

މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ތައިލެންޑުގައި ބޭއްވި ޔުއެފާ 15 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި ވެސް ރާއްޖެ ވަނީ ބައިވެރިވެފަ އެވެ. އެ މުބާރާތުގައި ވެސް ރާއްޖޭގެ ޓީމަށް ކޯޗުކޮށްދިނީ ޖަޑާ އެވެ. އެ ފަހަރުގެ މުބާރާތުގައި ރާއްޖެ ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން ތައިލެންޑާއި ސައިޕްރަސް އަދި ބަންގްލަދޭޝްގެ ޔޫތު ޓީމު އަތުން ބަލިވެފަ އެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ކުޅޭނީ ބޫޓާނާއި ސައުދީ އަރަބިއާގެ އިތުރުން ލެޓްވިއާ އެވެ. މީގެ ކުރިން މި މުބާރާތުގައި ކުޅެން ސްރީ ލަންކާ ވެސް ބޭނުންވި ނަމަވެސް ފަހުން އެ ޓީމު ބައިވެރިނުވެ އެވެ. މިއީ ބޭރުގެ ގައުމުތަކާ އެކުގައި ރާއްޖޭގައި ރަސްމީ ފެންވަރެއްގައި ބޭއްވޭ އެންމެ ބޮޑު ޔޫތު މުބާރާތެވެ.

ކުރިން ގައުމީ އަންހެން ޓީމުގެ ވެސް ކޯޗަކަށް ހުރި ޖަޑާ ވަނީ ޔޫތު ލެވެލްގައި މީގެ ކުރިން ވެސް އެކި އުމުރުފުރާގެ ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފަ އެވެ. އަދި އެންމެ ފަހުން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރިއިރު ޓީމު ލިސްޓުގައި ޖަޑާގެ ނަން ވަނީ ހިމަނައިފަ އެވެ.

ޔޫތު ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ އީގަލްސްގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ސައީދު (ކަކާ) އެވެ. ކަކާ އަކީ މި އަހަރު އީގަލްސްއާ އެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އިތުރުން އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތްތަކުގައި ރެކޯޑް ރަނގަޅު ކޯޗެކެވެ. އޭނާ ވަނީ ވިލާ އިންޓަނޭޝަނަލް ހައި އާއި މުހިއްޔުއްދީން ސްކޫލާ އެކު ކާމިޔާބު ހޯދައިފަ އެވެ.

ޔޫތު ގައުމީ ޓީމުތަކަށް އިރުޝާދުދިނުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތުން ސާންތީ ވަނީ ދާދި ފަހުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. ކުރިއަށް އޮތް 19 އަހަރުން ދަށުގެ މުބާރާތްތަކުގައި ގައުމީ ޓީމަށް އިރުޝާދުދޭނީ އެފްއޭއެމްގެ ކޯޗް އެޑިއުކޭޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރަމުން އަންނަ ކުރީގެ ބީޖީ ސްޕޯޓްސް ކްލަބް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

އެފްއޭއެމުން ވަނީ ޔޫތު ފުޓްބޯޅަ ކުރިއެރުވުމަށް ދެ އަހަރުގެ ޕްލޭނެއްގެ ދަށުން އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ޔޫތު ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ކުރީގެ އެއް ވަނަ ކުޅުންތެރިއާ އިސްމާއިލް އާސިފް (ކުޑަހީނާ) ހަމަޖައްސައިފަ އެވެ. ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ ޒިންމާ ކުޑަހީނާއާ ހަވާލުކުރިއިރު، އަންނަ މަހު 20 އިން 29 އަށް ޔުއެފާގެ އެހީގައި ބާއްވާ މުބާރާތުގައި ވެސް ކުޑަހީނާ ޓީމު ތައްޔާރުކުރުމުގައި އެހީތެރިވާނެކަމަށް އެފްއޭއެމުން ވަނީ މައުލޫމާތު ދީފަ އެވެ.

ޔޫތު ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ގިނަ މަސައްކަތްކުރަމުން އަންނައިރު މީގެ ކުރިން އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ ވާދަވެރި މެޗުތަކެއް ނުލިބޭތީ އެވެ. އެކަމަކު ފަހަކަށް އައިސް އެފްއޭއެމުން އަންނަނީ ޔޫތު ފުޓްބޯޅަ އަށް އަމާޒުކޮށް ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ. އެ ގޮތުން 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށް މިދިޔަ އަހަރު ލީގެއް ވަނީ ފަށައިފަ އެވެ. އަދި އެ މުބާރާތް މި އަހަރު 14 އަހަރުން ދަށަށް ބޭއްވުމަށް ނިންމާފައިވާތީވެ އެވެ.