ލަމްޕާޑްގެ ޝަރުތުތަކަށް އަބްރަމޮވިޗް އެއްބަސްވެއްޖެ
ލަމްޕާޑްގެ ޝަރުތުތަކަށް އަބްރަމޮވިޗް އެއްބަސްވެއްޖެ

ލަންޑަން (ޖޫން 18) - ޗެލްސީގެ ކޯޗުކަމާ ހަވާލުވާނީ ވަކި ކަންތައްތަކާ މެދު އެ ކްލަބުން އެއްބަސްވާނަމަ ކަމަށް ބުނެ، އެ ޓީމުގެ ކުރީގެ ތަރި އަދި ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑް ހުށަހެޅި ޝަރުތުތަކަށް ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކޯޗުކޮށްދީ އެ ޓީމަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ޗެލްސީއާ ހަވާލުވާން ލަމްޕާޑް ބޭނުންވަނީ ޓީމެއް ބިނާކުރަން އޭނާ އަށް ދެ ސީޒަން ދިނުމަށެވެ. އަދި ޒުވާން ކުޅުންތެރިން ކުރިއެރުވުމާއި މުސްތަގުބަލަށް ރަނގަޅު ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގައި ޗެލްސީގެ ބޯޑުގެ އިތުބާރު އޮތްކަން ހާމަކުރުމެވެ.

ބެލެވޭ ގޮތުގައި ލަމްޕާޑްގެ މި ހުށަހެޅުންތަކަކީ ފާއިތުވި އަހަރުތަކުގައި ޗެލްސީން ގިނަ ކޯޗުންތަކެއް ވަކިކޮށްފައިވާތީ އެކަމަށް ބެލުމަށް ފަހު ލަމްޕާޑް ކޮށްފައިވާ ޑިމާންޑެކެވެ. އަދި ކުޅުންތެރިން ނުނަގެނެވޭ ގޮތަށް ފީފާ އިން ޗެލްސީ އަށް ދީފައިވާ އަދަބުގެ ސަބަބުން ބޭނުންވާ ކުޅުންތެރިން ނުގެނެވޭނެތީ ލަމްޕާޑްގެ ޝަރުތުތަކާ އެއްގޮތަށް ޗެލްސީން އަމަލުނުކުރާނަމަ އޭނާ ވަނީ އެ ޓީމާ ހަވާލުނުވާން ނިންމައިފަ އެވެ.

މިދިޔަ އަހަރު މެއި މަހު ޑާބީއާ ހަވާލުވުމުގެ ކުރިން ލަމްޕާޑް ވަނީ ކޯޗިން ކެރިއަރުގައި އެންމެ ބޭނުންވަނީ ޗެލްސީ އަށް އިރުޝާދުދޭން ކަމަށް ބުނެފަ އެވެ. އެކަމަކު ފަހަކަށް އައިސް މީޑީއާގައި ވާހަކަ ދައްކަމުން ލަމްޕާޑް ވަނީ ޗެލްސީ އަށް ކޯޗުކޮށްދޭން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު ޑާބީ އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދޭން ކުރި މަސައްކަތް ލަމްޕާޑަށް ކާމިޔާބުނުވީ ޕްލޭއޮފް ފައިނަލުގައި އެސްޓަން ވިލާ އަތުން ބަލިވުމުންނެވެ.

ޑާބީއާ އެކު ލަމްޕާޑް ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު އެ އުވާލާނަމަ ޗެލްސީން ހަތަރު މިލިއަން ޕައުންޑް ދައްކަން ޖެހޭނެ އެވެ. ޑާބީން އަންނަނީ ލަމްޕާޑާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން މަސައްކަތްކުރަމުންނެވެ. ބެލެވޭގޮތުގައި އެއީ ޗެލްސީން ލަމްޕާޑް ގެންދާއިރު، އޭނާގެ ރިލީޒް ފީގެ ގޮތުގައި ބޮޑު އަދަދެއް ހޯދުމުގެ ގޮތުންނެވެ.

ލަމްޕާޑްގެ ބޮޑުބޭބެ އަދި މަޝްހޫރު ކޯޗު ހެރީ ރެޑްނެޕް ބުނީ ލަމްޕާޑް ޗެލްސީއާ ހަވާލުވުމަށް ބާއްވަން ޖެހޭ ގިނަ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ވަރަށް އަވަހަށް އޭނާ އެ ޓީމަށް ބަދަލުވާނެ ކަމަށެވެ. އަދި ލަމްޕާޑުގެ އެހީތެރިންގެ ގޮތުގައި އެ ޓީމަށް އޭނާއާ އެކު ކުރިން ކުޅުނު ގޯލްކީޕަރު ޕީޓަ ޗެކާއި ފޯވާޑް ޑިޑިއޭ ޑްރޮގްބާ ވެސް އެ ޓީމުގެ ޓެކްނިކަލް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ރެޑްނެޕް ވަނީ ބުނެފަ އެވެ.

ޗެލްސީ އަށް 13 އަހަރު ކުޅެދިން މިހާރު އުމުރުން 40 އަހަރުގެ ލަމްޕާޑް ވަނީ އެ ޓީމާ އެކު ބޮޑު 11 މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޭނާ ކެރިއަރުގައި ފަހުން ކުޅުނީ މެންޗެސްޓާ ސިޓީ އަށެވެ.