މައްސަލަތައް އަވަސްކުރަން ޖޭއެސްސީގެ ގަވާއިދަށް އިިސްލާހު ގެންނަން ނިންމައިފި
މައްސަލަތައް އަވަސްކުރަން ޖޭއެސްސީގެ ގަވާއިދަށް އިިސްލާހު ގެންނަން ނިންމައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާ މައްސަލަތައް އަވަސް ކުރަން އެ ކޮމިޝަންގެ ހިންގާ ގަވާއިދަށް އިސްލާހު ގެންނަން އިއްޔެ ނިންމައިފި އެވެ.

ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އިސްލާހު ގެންނަން ނިންމީ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާއަށް ކަމަށެވެ. އެ އިސްލާހު ގެންނަން ނިންމީ ޖޭއެސްސީ އަށް ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމަން ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުން، އެ އިސްލާހު އެ ކޮމިޝަންގެ ހިންގާ ގަވާއިދަށް ގެނައުމާ އެކު، ހުށަހެޅޭ މައްސަލަތައް ބެލޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ކޮމިޝަންގެ ވަކީލުން މިހާރު އެކުލަވައިލާ ފުރަތަމަ މަރުހަލާ ރިޕޯޓް ހަދާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި ކޮމިޝަނުން ބަލަންޖެހޭ ބާވަތުގެ މައްސަލައެއް ނަމަ، ވަގުތުން ތަހުގީގު ކޮމިޓީއަކާ އެ މައްސަލައެއް ހަވާލު ކުރެވޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީގެ ހިންގާ ގަވާއިދަށް އިސްލާހު ގެންނަން އެ ކޮމިޝަނުން ނިންމިއިރު، އެ ކޮމިޝަނުން އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ބަލަން ނިންމައި، ތަހުގީގު ކޮމިޓީ ވެސް އެކުލަވާލައިފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފަނޑިޔާރު ޑީޑީ ރޭ ހާޒިރު ވެސް ކުރި އެވެ.

އެކަމަކު އެ ތަހުގީގު އާންމުންނަށް ހުޅުވާލަން ފަނޑިޔާރު ޑީޑީ އެދިވަޑައިގަތުމުން އެކަމުގައި ކޮމިޝަނުން ގޮތެއް ނިންމުމަށް އެ ތަހުގީގު ވަނީ އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.