ފަނޑިޔާރު ޑީޑީގެ ދެ މައްސަަލައެއް ޖޭއެސްސީން ބަލަން ނިންމައިފި
ފަނޑިޔާރު ޑީޑީގެ ދެ މައްސަަލައެއް ޖޭއެސްސީން ބަލަން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައި، މައްސަލަ ބަލާނެ ކޮމެޓީ އެކުލަވާލައިފި އެވެ.

ޖޭއެސްސީން ކުރިން ވަނީ ފަނޑިޔާރު ޑީޑީގެ މައްސަލައެއް ބަލަމުންދާތީ އެމަނިކުފާނު ސަސްޕެންޑްކުރަން ނިންމައިފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ވަނީ ކޮމިޝަންގެ އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށް، އިތުރު ފިޔަވަޅެއް ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ކޮމިޝަނުން ނިންމާފައި އޮތީ އެ އަމުރު ނެރުނަސް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައިވަނީ ފަނޑިޔާރު ޑީޑީއާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަން ނިންމީ ފަނޑިޔާރު ޑީޑީގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައިވާތީ އެކަމުގައި ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށާއި ފަނޑިޔާރު ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވާތީ އެ މައްސަލަ ކަމަށެވެ. އެ ދެ މައްސަލަ ބެލުމަށް ވެސް މުޅި ކޮމިޝަން ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލި ކަމަށާއި އެކަމަކު ޖޭއެސްސީގެ ތިން މެމްބަރަކު އެ ދެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ދެ މައްސަލަ ބަލާ ކޮމެޓީން ތަނާޒުލްވެ ވަޑައިގަތީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު ލަތީފާ ގާސިމްގެ އިތުރުން އާންމުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު އަބްދުލްހަންނާން އަހުމަދެވެ.

ޖޭއެސްސީން ބުނިގޮތުގައި ފަނޑިޔާރު ޑީޑީ މިރޭ އެ ކޮމިޝަނަށް ހާޒިރުކުރަނީ އެ މައްސަލަތަކާ ގުޅިގެން އެމަނިކުފާނުގެ ބަޔާން ނެގުމަށެވެ.

ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކޮށްފައި ވިޔަސް، އެ މައްސަލާގައި ސުޕްރީމް ކޯޓުގެ އަމުރެއް އޮތުމުން އެމަނިކުފާނު މިހާރު ގެންދަވަނީ ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވަމުންނެވެ.

ފަނޑިޔާރު ޑީޑީގެ ދެ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމިއިރު، މިއަދު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލާގައި އިތުރު އަމުރެއް ނެރެ، އެ ކޯޓުގެ ކުރީގެ އަމުރާ ޚިލާފަށް ޖޭއެސްސީން ކުރާ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައިފަ އެވެ.