17 ޖޫން 2019 - 23:12

މި ބައްދަލުވުމަށް ފަހު، ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން މީޑިއާ އަށް ވިދާޅުވީ، ފަނޑިޔާރު ޑީޑީ ބޭނުންފުޅުވީ، އާންމުންނަށް ހުޅުވާލައިގެން ތަހުގީގު ކުރިއަށް ގެންދަން ކަމަށް. އެކަމަކު އެކަން ކުރެވޭނީ ޖޭއެސްސީގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނުން ނިންމައިގެން ކަމަށް ޒަހީން ވިދާޅުވި. އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުގެ މެމްބަރުންގެ ރޫހަކީ ވެސް ފަނޑިޔާރު ޑީޑީ އެދިވަޑައިގެންނެވި ގޮތަށް އެމަނިފާނުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ކަމަށް. އަދި ވަރަށް އަވަހަށް ޖޭއެސްސީން އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ޒަހީން ވިދާޅުވި.

ފަނޑިޔާރު ޑީޑީ ޖޭއެެސްސީ އަށް ހާޒިރުވެވަޑައިގަތުމަށް ފަހު ވަޑައިގެންފި.
ރިޝްވަތުގެ ތުހުމަތާ އެކު ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދެންމެ ހާޒިރުވެވަޑައިގެންފި އެވެ.
އެމަނިކުފާނު ހާޒިރުވާން އަންގާފައި އޮތީ މިރޭ 11:30 އަށެވެ.
ޖޭއެސްސީން ކުރި ޓުވީޓެއްގައި ބުނީ ޑީޑީ ހާޒިރުކުރީ އެ ކޮމިޝަނުން ބަލަމުން އަންނަ އެމަނިކުފާނުގެ ސުލޫކީ ދެ މައްސަލައަކާ ގުޅިގެން ކަމަށެވެ. ކޮމިޝަނަށް ޑީޑީ ވަޑައިގަތީ ތިން ވަކީލުންނާ އެކުގަ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީ އަށް ހާޒިރުވާން ފުރަތަމަ އެންގީ މިރޭ 10:00 އަށެވެ. ނަމަވެސް 11:30 އަށް ބަދަލުކުރީ އެމަނިކުފާނު އެދިވަޑައިގަތުމުންނެވެ.
ޑީޑީ އަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައިގައި ޖޭއެސްސީން ވަނީ އެމަނިކުފާނު ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު އެ ސަސްޕެންޝަން ފަސްކުރަން ސުޕްރީމް ކޯޓުން ކުރި އަމުރު ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ބަލައިގަތުމަށް ޖޭއެސްސީން ދެކޮޅު ހެދުމުން ސުޕްރީމް ކޯޓުން ވަނީ އިތުރު އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ވާ ގޮތުން، އެ ކޯޓުން ކުރިން ނެރުނު އަމުރާ ޚިލާފަށް މުއައްސަސާތަކުން ކުރާ ހުރިހާ ކަމެއް ބާތިލްވާނެ އެވެ.
ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ބަލަން ނިންމީ ފަނޑިޔާރު ޑީޑީގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައިވާތީ އެކަމުގައި ސުލޫކީ މައްސަލައެއް އޮތްތޯ އާއި ފަނޑިޔާރު ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވާތީ އެ މައްސަލަ ކަމަށެވެ. އެ ދެ މައްސަލަ ބެލުމަށް ވެސް މުޅި ކޮމިޝަން ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލި ކަމަށާއި އެކަމަކު ޖޭއެސްސީގެ ތިން މެމްބަރަކު އެ ދެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ދެ މައްސަލަ ބަލާ ކޮމެޓީން ތަނާޒުލްވެ ވަޑައިގަތީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު ލަތީފާ ގާސިމްގެ އިތުރުން އާންމުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު އަބްދުލްހަންނާން އަހުމަދެވެ.
ޖޭއެސްސީން ބުނިގޮތުގައި ފަނޑިޔާރު ޑީޑީ މިރޭ އެ ކޮމިޝަނަށް ހާޒިރުކުރީ އެ މައްސަލަތަކާ ގުޅިގެން އެމަނިކުފާނުގެ ބަޔާން ނެގުމަށެވެ.