17 ޖޫން 2019 - 21:43

ފުވައްމުލައް ތަރައްގީކުރާ އިރު އެ ރަށުގެ އެންމެ މުހިއްމު ތަނަކަށް ވެގެންދާނީ ޓެކްނޮލޮޖީ ޕާކެއް ކަމަށް ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރު މަލީހު ޖަމާލު މިރޭ ވިދާޅުވެއްޖެ އެވެެ.
ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރު މަލީހްއާ ހަވާލާ ދެއްވައި ޓެކްނޮލޮޖީ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޓެކްނޮލޮޖީ ޕާކަކާ އެކު އެ ރަށް ތަރައްގީ ކުރަން ސަރުކާރުން ވިސްނީ ރާއްޖޭގެ "ސިލިކަން ވެލީ"ގެ ގޮތުގައި މަޝްހޫރުވެފައިވާތީ އެވެ.
ސިލިކަން ވެލީ އަކީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރި އަރާފައިވާ އަދި އެ ދާއިރާއިން އެންމެ ގިނަ އާ އުފެއްދުންތައް އުފައްދާ އެމެރިކާގެ ސަރަހައްދަކަށް ކިޔާ ނަމެކެވެ.
"އުފެއްދުންތެރި ޒުވާނުންގެ ސަބަބުން ރާއްޖޭގެ ސިލިކަަން ވެލީގެ ގޮތުގައި މަޝްހޫރުވެފައިވާ، އެއް އަތޮޅު އަދި އެއް ރަށް ކަމަށްވާ ފުވައްމުލައް ތަރައްގީ ކުރަން އަޅުގަނޑުމެން އެބަ ވިސްނަން. އެރަށުގެ މެދުގައި އޮންނާނީ ޓެކްނޮލީ ޕާކެއް" މަލީހު ވިދާޅުވި ކަމަށް މިނިސްޓްރީގެ ޓްވީޓްގައި ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި ޓެކްނޮލޮޖީ ޕާކުގައި މަތީ ފެންވަރުގެ އޮފީސްތަކާއި ކުދި ވިޔަފާރިތަކާއި އަލަށް ފަށާ މަސައްކަތްތަކަށާއި މަތީ ތައުލީމުދޭ ކެމްޕަސްތަކަށް ވެސް ޖާގަ އޮންނާނެ އެވެ.
ރާއްޖޭގައި ޓެކްނޮލޮޖީއާ ގުޅޭ ވިޔަފާރިތައް ކުރިއަރުވަން ޖެހޭ ކަމަށް މަލީހު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
އުރީދޫ ނިރު އެކްސެލެރޭޓާސް ޕްރޮގްރާމުގެ ތެރެއިން ފުރުސަތު ލިބުނު ކުންފުނިތަކުުގެ ޑެމޯ ދައްކާލުމަށް މާޗް މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް ޓެކްނޮލޮޖީ ދާއިރާއިން ޒުވާނުން ފަށާފައިވާ ކާމިޔާބު ވިޔަފާރިތައް އެބަހުރި ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް މިހާރު ވަމުން އަންނަނީ ޓެކްނޮލޮޖީ ކުންފުނިތައް ކަން މަލީހް އޭރު ފާހަގަ ކުރެއްވި އެވެ.
"ޓެކްނޮލޮޖީއާ ގުޅޭ ކުންފުނިތައް އަންނަނީ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް ބަދަލުވަމުން. ޗައިނާގެ އިނގިރޭސި ޓީޗަރަކަށް ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ކުންފުނި ހެދޭކަމުގައިވާ ނަމަ، އެފަދަ ވިޔަފާރިއަށް ބަދަލު ކުރުމުގެ ގާބިލުގަން އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކަކީ ރާއްޖޭގެ ޓެކްނޮލޮޖީގެ ހަބެއްގެ ގޮތުގައި ތަރައްގީ ވަމުން އަންނަ ރަށެއް ކަން މުވާސަލާތީ ކުންފުނި އުރީދޫ އިން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ ފައިބާ އޮޕްޓިކް ނެޓްވޯކް މެދުވެރިކޮށް، ދޭ ސުޕަނެޓްގެ ހިދުމަތް ވެސް އެރަށުގައި ވަނީ ތައާރަފްކޮށްފަ އެވެ.