17 ޖޫން 2019 - 16:14

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަގާމުގަައި ހުންނެވި އިސްމާއިލް ސޮފްވާން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ފާތިމަތު ޒައިނާ މިއަދު އިންތިޚާބު ކޮށްފި އެވެ.
އެ ކޮމިޝަނުން ބުނީ ނައިބު ރައީސްގެ މަގާމުން ސޮފްވާން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެކަމަކު ބްރޯޑްކޮމްގެ މެމްބަރުކަމުން އޭނާ ވަކިވެވަޑައެއް ނުގަންނަވަ އެވެ.
ނައިބު ރައީސްގެ މަގާމަށް ޒައިނާ އިންތިޚާބުކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޝަނަށް އޭނާ އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭޕްރީލް 5، 2016 ގަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، ސޮފްވާން އޮފީހަށް ވަޑައިނުގަންނަވަ އެވެ.