17 ޖޫން 2019 - 12:28

ލަންޑަން (ޖޫން 17) - އާސެނަލްގެ ބޯޑުން މި ފަހަރުގެ ޓްރާންސްފާ ބަޖެޓަކަށް ހަމަޖައްސާފައިވާ 45 މިލިއަން ޕައުންޑް (57 މިލިއަން ޑޮލަރު) އަކީ އެންމެ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ބުނެ އެ ޓީމުގެ ކޯޗު އުނާއި އެމެރީ ހިތްހަަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން އާސެނަލް ބޯޑުން ނިންމާފައިވަނީ ޓީމުގައި ތިބި ބައެއް ކުޅުންތެރިން ވިއްކާލުމަށް ފަހު ލިބޭ ފައިސާ އެހެން ކުޅުންތެރިންނަށް ހަރަދުކުރުމަށެވެ. އެ ގޮތުން ކްލަބުން ހަމައެކަނި ދޭނީ ކުޑަ ޓްރާންސްފާ ބަޖެޓެއްގެ ގޮތުގައި ކަނޑައެޅި އެވެ.
މަހު ނުވަ ވަނަ ދުވަހު ހުޅުވޭ ޓްރާންސްފާ މާކެޓް ތެރޭގައި އާސެނަލުން ވިއްކާލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާ ހަތް ކުޅުންތެރިންނަކީ ޝްކޮޑްރަން މުސްތާފީ، ހެންރިކް މިކިތާރްޔަން، މެސުޓް އޮޒިލް، ކަލުމް ޗެމްބާސް، ކާލް ޖެންކިންސަން، މުހައްމަދު އެލްނެނީގެ އިތުރުން ކީޕަރު ޑޭވިޑް އޮސްޕީނާ އެވެ. މިދިޔަ ސީޒަނުގައި އިޓަލީގެ ނަޕޯލީ އަށް ލޯން އެއްބަސްވުމުގެ ދަށުން ކުޅުނު އޮސްޕީނާގެ އެއްބަސްވުން ދާއިމީކުރަން އެ ޓީމުން ވަނީ ހަތަރު މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފަ އެވެ.
އާސެނަލުން ވިއްކާލަން ބޭނުންވާ ބައެއް ކުޅުންތެރިންނަށް މިހާރު އެ ޓީމުން ލިބޭ މުސާރަ ބޮޑުވުމުން އެ ކްލަބް ދޫކޮށްލަން ބޭނުމެއްނުވެ އެވެ. އެ ގޮތުން އާސެނަލް ބޯޑުން މި ފަހަރު ބޮޑު އަގުގައި ވިއްކާލަން ބޭނުންވާ ޖަރުމަނުގެ މިޑްފީލްޑަރު އޮޒިލް ގަންނަން ޗައިނާގެ ދެ ކްލަބަކުން 50 މިލިއަން ޕައުންޑް (62 މިލިއަން ޑޮލަރު) ހުށަހެޅި ނަމަވެސް އޮޒިލް އެ ޑީލަށް ދެކޮޅު ހެދުމުން ކުރިއެރުމެއް ނުލިބުނެވެ. އޮޒިލް ބޭނުންވަނީ ޔޫރަޕްގެ ކްލަބަކަށް ބަދަލުވާށެވެ. އެކަމަކު އޮޒިލް ކިޔާ މުސާރަ ބޮޑުވުމުން އެއްވެސް ކްލަބަކުން އޭނާ އަށް ރަނގަޅު ހުށަހެޅުމެއް ނުލިބެ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމެރީ ޓާގެޓްކުރާ ބައެއް ކުޅުންތެރިން ލިބެން ނެތީ ޓްރާންސްފާ ބަޖެޓް ކުޑަވުމުންނެވެ. އެ ގޮތުން ވެސްޓް ހޭމް ޔުނައިޓެޑުން ދާދި ފަހުން ސޮއިކުރި ޕަބްލޯ ފޯނަލްސް އަކީ އެމެރީ ބޭނުންވި ކުޅުންތެރިޔެކެވެ. ވިޔަރެއާލް ދޫކޮށް ފޯނަލްސް ވެސްޓް ހޭމަށް ބަދަލުވީ 28 މިިލިއަން ޑޮލަރަށެވެ. އެމެރީ ދެން ބޭނުންވާ ދެ ކުޅުންތެރިންނަކީ ސަމްޑޯރިއާގެ ޑެނިސް ޕްރައެޓާއި ޔަކީމް އެންޑަސަން އެވެ. އެ ދެ ކުޅުންތެރިންނަށް ސަމްޑޯރިއާ އިން ކިޔާ އަގުބޮޑުވުމުން އެ ޑީލް ވެސް އޮތީ ހުއްޓިފަ އެވެ. އަދި ޗައިނާ ލީގުގައި ކުޅެމުން އަންނަ ޔަނިކް ފެރޭރާ ކަރަސްކޯ ވެސް އާސެނަލަށް ބަދަލުވުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރީއާ މަޝްވަރާ ކުރުމަށް ފަހު އާސެނަލުން ނިންމާފައިވަނީ ޖުމްލަ ޓްރާންސްފާ ބަޖެޓެއް ނޭނގެނީސް އެއްވެސް ކުޅުންތެރިޔަކު ސޮއި ނުހޯދުމަށެވެ. އެ ގޮތުން އެންމެ ފުރަތަމަ ޓީމު ވިއްކާލާ ކުޅުންތެރިންގެ ކަންތައްތައް ނިންމުމަށް އެދިފައިވެ އެވެ.
ބާވީސް އަހަރު އާސެނަލްގެ ކޯޗަކަށް ހުރި އާސެން ވެންގާގެ ބަދަލުގައި އެ ޓީމާ ހަވާލުވެ އެމެރީ ވަނީ އެ ޓީމު ޔޫރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ. ފައިނަލުގައި ޗެލްސީ އަތުން 4-1 އިން ބަލިވިއިރު، އާސެނަލަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ހުރިހާ ފުރުސަތެއް ގެއްލިފަ އެވެ. ޕްރިމިއާ ލީގުގައި އާސެނަލް ސީޒަން ނިންމާލީ ފަސް ވަނައިގަ އެވެ.