19 ޖޫން 2019 - 07:31

އަންނަ މަހުގެ 19 ގައި ރިލީޒްކުރާ ޑިޒްނީގެ ފޮޓޯ ރިއަލިސްޓިކް އެނިމޭޓެޑް ފިލްމު "ލަޔަން ކިންގް" ގެ ހިންދީ ވާޝަނަށް ޝާހްރުކް ހާނާއި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ހާން އަޑު އަޅައިދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަމާ ބެހޭ ގޮތުން، މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ޖޯން ފެވަރޯ ޑައިރެކްޓްކޮށްފައިވާ ފިލްމަށް ޝާހްރުކް އަޑު އަޅައިދޭނީ މުފާސާގެ ކެރެކްޓާއަށެވެ. އަދި އަރިޔަން އަޑު އަޅާނީ މުފާސާގެ ދަރި ސިމްބާއަށެވެ.
އޮރިޖިނަލް ފިލްމުގައި މުފާސާގެ ރޯލަށް އަޑު އަަޅައި ދީފައި ވަނީ ޖޭމްސް އާލް ޖޯންސެވެ. ސިމްބާ އަށް އަޑު އަޅައި ދިނީ ޑޮނަލްޑް ގްލޯވާ އެވެ. ޝާހްރުކް ވަނީ ދެ ކެރެކްޓާގެ ނަން ލިޔެފައިވާ ޓީޝާޓްތަކެއް ލައިގެން އަރިޔަންއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
އިނގިރޭސި ފިލްމުތައް އިންޑިއާގައި ރިލީޒް ކުރާ އިރު، މަޝްހޫރު ތަރިން ލައްވައި އަޑު އަޅުވައިގެން ރިލީޒް ކުރުމަކީ ވަރަށް އާންމު ކަމެކެވެ.
"ލަޔަން ކިންގް" އަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ބިޔޯންސޭ، ސެތު ރޯގެން، ޖޯން އޮލިވާ، އަލްފްރޭ ވުޑާޑް އަދި ބިލީ އެއިޝްނާ ހިމެނެ އެވެ. މި ފިލްމަކީ 1994 ގައި ޑިޒްނީން ގެނެސް ދިން އެނިމޭޓެޑް ފިލްމުގެ ރިމެކެކެވެ.
ޝާހްރުކް ހާނާއި ދަރިފުޅު އަރިޔަން "ލަޔަން ކިންގް" ގެ ހިންދީ ވާޝަނެއް އަޑު އަޅައި ދޭން އެއްބަސްވި އިރު، މިއީ ދެބަފައިން އެކީގައި ފިލްމެއްގެ މަސައްކަތުގައި ހިއްސާވާ ފުރަތަމަ ފަހަރެވެ. ބައެއް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝާހްރުކް އަންނަނީ 21 އަހަރުގެ ދަރިފުޅުގެ އެކްޓިން ކެރިއަރު ފަށަން ހޮލީވުޑްގެ ފިލްމެއް ވެސް ހޯދަމުންނެވެ.
އަދި ހިންދީ ފިލްމަކަށް ވުރެ ބޮޑަށް އަރިޔަން އެކްޓިން އަށް ނުކުތުމުގެ ފުރުސަތު ބޮޑީ ވެސް އިންޓަނެޝަނަލް ޕްރޮޖެކްޓަކުން ކަމަށް މީޑިއާތަކުން ބުންޏެވެ.