29 މެއި 2016 - 11:39

ލަންޑަން (މޭ 29) - ޓޮޓެންހަމް ހޮޓްސްޕާސް އިން އަންނަ ސީޒަނުގައި އެ ޓީމު ކުޅޭ ޗެމްޕިއަންސް ލީގުގެ ހޯމް މެޗުތައް އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅުމަށް އިނގިރޭސި އެފްއޭއާ އެކު އެއްބަސްވެއްޖެ އެވެ.

އެއްބަސްވުމުގައި ވާ ގޮތުން ޓޮޓެންހަމުން ބޭނުން ވެއްޖެ ނަމަ 2017-18 ވަނަ އަހަރުގެ ސީޒަނުގައި އެ ޓީމުގެ ޕްރިމިއާ ލީގާއި ލީގު ކަޕް ހޯމް މެޗުތައް ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވޭނެ އެވެ.
ޓޮޓެންހަމް އިން ވެމްބްލީގައި ހޯމް މެޗުތައް ކުޅެން އެއްބަސްވީ އެ ޓީމުގެ ސްޓޭޑިއަމް ވައިޓް ހާޓް ލޭން ބޮޑު ކުރުމުގެ މަސައްކަތްތައް ކުރި އަށް ގެންދިއުމުގެ ގޮތުންނެވެ. އަންނަ ސީޒަނުގައި އެ ޓީމު ކުޅޭ މެޗުތަކުގެ ތެރެއިން ހަމައެކަނި ޗެމްޕިއަންސް ލީގުގެ ހޯމް މެޗުތައް ވެމްބްލީ އަށް ބަދަލުކުރީ ގިނަ ސަޕޯޓަރުންނަށް މެޗު ބެލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނަމަ ޓޮޓެންހަމުން ބުނެ އެވެ.
އަދި ޖެހިގެން އަންނަ ސީޒަނުގައި ދަނޑުގެ މަރާމާތު ގިނަވާތީ އެ ދަނޑުގައި އެއްވެސް މެޗެއް ނުކުޅެން ޓޮޓެންހަމުން ވަނީ ނިންމައިފަ އެވެ. އަދި 2017-18 ވަނަ އަހަރުގެ ސީޒަނުގައި އެ ޓީމުން ބޭނުން ކުރާނީ ވެމްބްލީ ސްޓޭޑިއަމް ކަމަށް ބެލެވެ އެވެ.
ޓޮޓެންހަމް ދަނޑަށް މިހާރު ވަދެވެނީ 36,284 ސަޕޯޓަރުންނަށެވެ. އެ ޓީމުގެ ދަނޑުގެ މަސައްކަތް 2018-19 އަހަރުގެ ސީޒަން ނިމޭ އިރު އެ ދަނޑަށް 61،000 ސަޕޯޓަރުންނަށް ވަދެވޭނެ އެވެ.
މީގެ ކުރިން އާސެނަލް ވެސް ވަނީ އެ ޓީމުގެ ހޯމް މެޗުތައް ވެމްބްލީގައި ކުޅެފަ އެވެ. އެއީ 1998-1999 އާއި 1999-2000 ވަނަ އަހަރުގެ ސީޒަންގެ ހޯމް މެޗުތައް ވެމްބްލީގައި ކުޅެފަ އެވެ.