ފްލައިޓްގައި ޖިންސީ ފުރައްސާރަ ކުރި ލެކްޗަރާ ވަޒިފާ އިން ވަކިކޮށްފި
ފްލައިޓްގައި ޖިންސީ ފުރައްސާރަ ކުރި ލެކްޗަރާ ވަޒިފާ އިން ވަކިކޮށްފި

ހުކުރު ދުވަހު އައްޑޫން މާލެ އައި ފްލައިޓެއްގައި ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ލެކްޗަރާ އިއްޔެ ވަޒީފާ ވަކިކޮށްފި އެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އައިޝަތު ޝާހީން "މިހާރު" އަށް ވިދާޅުވީ މި މައްސަލައިގައި އެމްއެންޔޫ އިން ކަނޑާލީ އެ ތަނުގެ ތިނަދޫ ކެމްޕަހުގައި ފާމަސީ ކޯހުގެ ހަތަރު މާއްދާއެއް ކިޔަވާދެމުން ދިޔަ އަނީސް މަރިއަމަތިއަސް ކަމަށެވެ. އެމްއެންޔޫއާ މި އަހަރު ގުޅުނު އެ ލެކްޗަރާ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ޚަބަރު ލިބުމާ އެކު ވަގުތުން އޭނާ ސަސްޕެންޑުކުރި ކަމަށް ޝާހީން ވިދާޅުވި އެވެ.

"މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ގަބޫލުކުރާ ފަދަ އަމަލުތަކެއް ނޫން، ލެކްޗަރާއެއްގެ ފަރާތުން. އެހެންވެ އަޅުގަނޑުމެންގެ ގަވާއިދުތަކާ އެއްގޮތަށް އޭނާ މިހާރު ވާނީ ކަނޑާލާފައި،" އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި އާންމުކުރި އަންހެންމީހާ ލިޔުނު ގޮތުގައި ފްލައިޓަށް އެރި ވަގުތުން ފެށިގެން ދަތުރު ނިމެންދެން އެ މީހާ އޭނާ އަށް އެކި ގޮތްގޮތުން ފުރައްސާރަ ކުރި އެވެ. އޭނާ އާންމު ކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އަންހެންމީހާގެ ކުރިމަތީ ގޮނޑީގައި އިން އަނީސް، ފަހަތަށް އެނބުރި ދުލުންނާއި އިނގިލިން ހުތުރު ވައްތަރު ޖައްސަ އެވެ. އަދި އޭނާގެ ފޯނުން، ނިވާކަންކުޑަ ހެދުން ލައިގެން ތިބޭ އަދި ޖިންސީ އަމަލުތައް ފެންނަ ފޮޓޯތައް އަންހެން މީހާއަށް ދައްކަ އެވެ.

ބޯޓު ޖެއްސުމާ އެކު އެ މައްސަލަ ކްރޫގެ ސަމާލުކަމަށް ގެނެސް، ފުލުހުންނަށް ވެސް ހުށަހަޅާފައި ވާ ކަމަށް އެ އަންހެންމީހާ ބުންޏެވެ. އެހެންވެ ފުލުހުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.

މާލޭ މަގުމަތިން އަންހެނަކަށް ފުރައްސާރަކޮށް، ފޮށުނު ކަމުގެ ތުހުމަތުގައި މެދު އުމުރުގެ ފިރިހެނަކު މިދިޔަ ހަފުތާގައި ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން އެ މީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.