18 ޖޫން 2019 - 06:25

އޭސީކޮށްފައި ހުންނަ ތަންތަނުގައި މާ ގިނަ ވަގުތު ހޭދަކުރާ ނަމަ ލޮލަށް ގެއްލުންވާ ކަމަށާއި އެއީ ރައްކާތެރި ކަމެއް ނޫން ކަމަށް ޑޮކްޓަރުންތަކެއް ލަފާ ދީފަ އެވެ.

މިކަމާ ބެހޭ ގޮތުން ޑޮކްޓަރުން ވިދާޅުވީ އޭސީކޮށްފައިވާ މާހައުލުގައި ގިނަ ވަގުތު އުޅޭ ނަމަ ޑްރައި އައި ސިންޑްރޯމް (ޑީއީއެސް) ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ލޯ ހިކުމާއި ކެހުމާއި ރަތްވުމާއި އެކި ކަހަލަ އިންފެކްޝަނާއި އިންފްލަމޭޝަން އުފެދި ލޮލުގެ ފެނުމަށް ވެސް އަސަރު ކުރާނެ ކަމަށް ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އިންޑިއާގެ "އަގަރްވާލްސް އައި ހޮސްޕިޓަލް" ގެ ޑރ. ލަވަންޔާ މެރިނޭނީ ވިދާޅުވީ ވަޒީފާ އަދާކުރާ ތަންތަނާއި ގެ ވެސް އޭސީކޮށްފައި ހުރުން އާންމުވުމުން ކޮންމެ ދުވަހެއްގެ ބޮޑު ބައި އޭސީގެ ފިނީގެ ތެރޭގައި އުޅެން ގިނަ ބަޔަކަށް އާދަވެފައިވާ ކަމަށެވެ.
"އެކަން އާދައަކަށް ވެފައިވާ އިރު މިކަމުން ލިބިދާނެ ސިއްހީ ގެއްލުންތަކަކަށް ގިނަ ބަޔަކަށް އެހާ ބޮޑު ސަމާލު ކަމެއް ނުދެވޭ،" އޭނާ ވިދާޅުވި އެވެ. "އޭސީ ފިނީގެ ތެރޭގައި އުޅެން ޖެހުނަސް، އެބަޖެހޭ އެ ވަގުތު ކުޑަ ކުރަން. އެހެން ނޫނީ ލޮލަށް ގެއްލުންވުމުގެ އިތުރަށް ސިއްހީ އެހެން ކަހަލަ މައްސަލަތައް ވެސް ދިމާވާނެ."
ލަވަންޔާ ވިދާޅުވި ގޮތުގައި އޭސީގެ ފިނިން މާހައުގެ ހިއުމިޑިޓީ ދަށްކޮށްލުމުން އިވަޕަރޭޓިވް ޑްރައި އައިއަށް މަގުފަހިކޮށްދެ އެވެ.
"ހަމަމިއާ އެކު އޭސީން އަންނަ ވައި ސީދާ މޫނަށް އެޅޭ ގޮތަށް އިނުމަކީ ވެސް ލޮލަށް ގެއްލުން ލިބޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އެބަ ޖެހޭ އޭސީގެ ވެންޓްތަކާ ވީހާ ވެސް ބޮޑަށް ދުރުގައި އިންނަން. އަދި ހަމައެެއާ އެކު ރޫމް ޓެމްޕެރޭޗާ ފަންސަވީހަށް ވުރެ ދަށް ނުކުރުމަކީ ވެސް ސަމާލުކަން ދޭން ޖެހޭ ކަމެއް."