ހާޝުގްޖީގެ މަރުގެ ފައިދާ ނަގަން ނޫޅުމަށް ޕްރިންސް މުހައްމަދު ގޮވާލައްވައިފި
ހާޝުގްޖީގެ މަރުގެ ފައިދާ ނަގަން ނޫޅުމަށް ޕްރިންސް މުހައްމަދު ގޮވާލައްވައިފި

ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރުގެ ފައިދާ ނަގަން ނޫޅުމަށް ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ގޮވާލައްވައިފި އެވެ.

ނިއު ޔޯކް ޓައިމްސް އަށް ލިޔުނު، ސައޫދީގެ ނޫސްވެރިއެއް ކަމަށްވާ ހާޝުގްޖީ، ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މަރާލި މައްސަލާގައި ސައޫދީ އާއި ތުރުކީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

މަރުގެ މި މައްސަލާގައި މުހައްމަދަށް ބޮޑެތި ތުހުމަތުތަކެއް ތުރުކީން ކޮށްފައި ވާއިރު މި މައްސަލާގައި ހެކިތައް ހޯދައި ސައޫދީ އަށް ފިއްތުން ކުރިމަތިކުރުމުގައި ތުރުކީގެ ދައުރު ވަރަށް ބޮޑެވެ. އެހެންވެ މުހައްމަދުގެ މި ވާހަކަ އަކީ ތުރުކީ އަށް ދެއްވި އިންޒާރެއް ކަމަށް ބެލެވެ އެވެ.

"ހާޝުގްޖީގެ މަރަކީ ވަރަށް އަނިޔާވެރިކަމާ އެކު ހިންގާފައިވާ ކުށެއް،" އަޝްރަގް އަލް އަވްސާތަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ، ހާޝުގްޖީ މަރާލައި ހަށިގަނޑު ކުދިކޮށް ކޮށައި ނައްތާލުމުގެ ޖަރީމާ ހިންގީ ސަރުކާރުގެ އޮފިޝަލުންތަކެއް ކަމަށް ވާއިރު އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، މައްސަލަ އަށް ދޭ ސަމާލުކަން ސައޫދީން ކުޑަ ނުކުރާނެ ކަމަށާއި ފުރިހަމަ އިންސާފެއް މި މަރާ ގުޅިގެން ހޯދަން ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ.

"މި މަރާ ގުޅިގެން ސިޔާސީ ފައިދާ ނަގަން ނޫޅެ، މަރާ ގުޅޭ ހެކިތައް ސައޫދީ ކޯޓަށް ހުށަހެޅުމުން އިންސާފު ހޯދަން ފަސޭހަވާނެ،" މުހައްމަދު ވިދާޅުވި އެވެ.

ރަސްގެފާނު ސަލްމާންގެ ދަށުން ސައޫދީގެ ހުރިހާ ކަމެއް ކޮންޓްރޯލްކުރައްވާ، ރަސްގެފާނުގެ ދަރިކަލުން ވިދާޅުވީ ސައޫދީން ބޭނުންވަނީ އިސްލާމީ ހުރިހާ ގައުމަކާ ވެސް ގާތް ގުޅުމެއް ބާއްވަން ސައޫދީން ބޭނުންވާ ކަމަށާއި އެގޮތުން ތުރުކީއާ އެކު ވެސް ގުޅުން ބާއްވަން ބޭނުން ކަމަށެވެ.

ސައޫދީ އަށް ފާޑުކިޔައި ލިޔަމުން ދިޔަ ހާޝުގްޖީ މަރާލި މައްސަލާގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ބުނީ މިކަމުގެ އަޑީގައި ހުރީ މުހައްމަދު ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ސައޫދީ އެމްބަސީ ތެރޭގައި ހާޝުގްޖީ މަރާލި ކަމާއި އެކަން ކުރި ގޮތް ތުރުކީން ވަނީ ހޯދައިފަ އެވެ. ސައޫދީން ބުނަމުން އަންނަނީ މިއީ މުހައްމަދު އަދި ސަރުކާރުގެ ވެސް އެންގުމަކަށް ކުރި ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި ބައިވެރިވި މީހުން ހައްޔަރުކޮށް މިހާރު އަންނަނީ ޝަރީއަތް ހިންގަމުންނެވެ.