07 ސެޕްޓެމްބަރ 2016 - 14:24

ޒިއުރިކް (ސެޕްޓެމްބަރު 7) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2026 ވަނަ އަހަރު އުތުރު އެމެރިކާގައި ބާއްވަފާނެ ކަމުގެ އިޝާރާތެއް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވައިފި އެވެ.
އުތުރު އެމެރިކާގެ ގައުމެއްގައި އެންމެ ފަހުން ވޯލްޑް ކަޕް ބާއްވާފައިވަނީ 1994 ވަނަ އަހަރު ޔުނައިޓެޑް ސްޓޭޓްސްގަ އެވެ. އެއީ މިހާތަނަށް އެންމެ ގިނަ ބަޔަކު މެޗު ބަލަން ސްޓޭޑިއަމަށް ވަން އެއް ވޯލްޑް ކަޕެވެ.
"ހިނގާ ބަލަމާ. ވަރަށް ގިނަ ދުވަސްވެއްޖެ އުތުރު އެމެރިކާގައި ވޯލްޑް ކަޕް ނުބާއްވާތާ. މިވަގުތަށް އެ ފުރުސަތު އެބައޮތް،" އިންފަންޓީނޯ ވިދާޅުވި އެވެ.
ވޯލްޑް ކަޕް 2018 ވަނަ އަހަރު ރަޝިއާގައި ބާއްވާއިރު 2022 ވަނަ އަހަރު އޮންނާނީ ގަތަރުގަ އެވެ. ދިހަ އަހަރު ފަހުން، 2026 ގައި ވޯލްޑް ކަޕް ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޔޫރަޕުން ކަޒަކިސްތާނާއި އުތުރު އެމެރިކާ އިން ކެނެޑާ އާއި ޔުނައިޓެޑް ސްޓޭޓްސް އާއި މެކްސިކޯ އަދި ދެކުނު އެމެރިކާ އިން ކޮލަމްބިއާ އެވެ.
އިންފަންޓީނޯ ވަނީ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 40 އަށް އިތުރުކުރަން އަދި ގިނަ ގައުމުތަކެއްގައި މުބާރާތް ބާއްވަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ މަޝްވަރާކުރާނީ އަންނަ މަހު އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގަ އެވެ.
ޔުއެފާ އިން ވަނީ ކުރިއަށް އޮތް ޔޫރޯ މުޅި ޔޫރަޕުގައި ބާއްވަން ނިންމައިފަ އެވެ. އަދި ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ. އެ ބަދަލުތައް ގެނައި އިރު އިންފަންޓީނޯ އަކީ ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ އެވެ.