17 ޖޫން 2019 - 08:58

ޕެރިސް (ޖޫން 17) - އަހުލާގު ދަށް އަމަލުތަކެއް ފެންނަ ކުޅުންތެރިންނަށް ޕީއެސްޖީގައި ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ އެ ޓީމަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ އަށް އެ ކްލަބްގެ ރައީސް ނާސިރު އެލް ހެއްލާފީ ނުސީދާ އިންޒާރެއް ދެއްވައިފި އެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ނޭމާގެ ފަރާތުން ފެނުނު ދެ ކަމެއްގެ ސަބަބުން އޭނާ އަށް ވަނީ ސަސްޕެންޝަންތަކެއް އައިސްފަ އެވެ. އެ ގޮތުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ޕީއެސްޖީ ބަލިވި މެޗުގައި އިންސްޓަގްރާމްގައި ރެފްރީންނަށް ފާޑުކިޔުމުން ޔުއެފާ އިން ނޭމާ ދެ މެޗަށް ސަސްޕެންޑްކުރި އެވެ. އޭގެ ފަހުން ފްރެންޗް ކަޕް ފައިނަލުގައި ރެނެސް އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު މެޑަލް އަޅަން ރޮސްޓްރަމް އަށް ނޭމާ ދިޔަ ވަގުތު އެތާ ހުރި ސަޕޯޓަރެއް ބުނި އެއްޗެއްގެ ސަބަބުން ނޭމާ ވަނީ އޭނާ މޫނުމަތީގައި ޖަހައިފަ އެވެ. އެކަމުގެ ސަބަބުން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނޭމާ ދެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
ނުސީދާ ގޮތަކަށް ނޭމާ އަށް ނިސްބަތްކޮށް ދާދި ފަހުން ޕީއެސްޖީގެ ރައީސް ހެއްލާފީ ވިދާޅުވީ އެއްވެސް ކުޅުންތެރިއަކު ކްލަބަށް ވުރެން ބޮޑު ނުވާނެ ކަމަށާއި ސެލެބްރިޓީ އަކަށްވެގެން ކްލަބްގެ އަގުވައްޓާލުން ބަލައެއް ނުގަނެވޭނެ ކަމަށެވެ.
"ޕީއެސްޖީގެ ކުޅުންތެރިން ދެން ގަބޫލުކުރަން ޖެހޭނެ އެ މީހުންގެ ބޮޑު ޒިންމާއެއް އޮތްކަން. ކްލަބްގެ މަސްލަހަތު ރައްކާތެރިކުރުން މުހިއްމު. ކުޅުންތެރިން ކްލަބަށް ވުރެން ބޮޑެއް ނުވާނެ،" ފްރާމްސް ފުޓްބޯލް އަށް ދެއްވި އިންޓަވިއުއެއްގައި ހެއްލާފީ ވިދާޅުވި އެވެ.
ޕީއެސްޖީން އަމަލުކުރާ އުސޫލުތަކަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އެ ގޮތްތަކަށް ނުރުހޭ ކުޅުންތެރިންނަށް ކްލަބް ދޫކޮށްލަން "ދޮރުހުޅުވިފައި ހުންނާނެ" ކަމަށް ހެއްލާފީ ވަނީ ވިދާޅުވެފަ އެވެ.
އަހުލާގީ މައްސަލަތަކުގެ ސަބަބުން ބްރެޒިލްގެ ކެޕްޓަން ބޭންޑް ނޭމާ އަތުން ނެގުމަށް ފަހު ވަނީ ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް އަށް ދީފަ އެވެ. ގަތަރާ ދެކޮޅަށް ކުޅެނިކޮށް ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ނޭމާ އަށް ވަނީ މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ގެއްލިފަ އެވެ. އަދި ބްރެޒިލް އަންހެނެއް ފްރާންސަށް ގެނެސް މިދިޔަ މަހު އޭނާ ރޭޕްކުރި ކަމުގެ ތުހުމަތު ނޭމާ އަށް ކުރެވިފައިވާއިރު، އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބްރެޒިލްގެ ޕޮލިހަށް ހާޒިރުކޮށްފަ އެވެ.
ހެއްލާފީގެ ނުރުހުން ނޭމާ އަށް އަމާޒުވެފައި މިވަނީ ޕީއެސްޖީން އަލުން އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރަކަށް ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ލިއޮނާޑޯ ހަމަޖެއްސިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. ލިއޮނާޑޯ ވަނީ މީގެ ކުރިން ނޭމާ އަށް ފާޑުކިޔައިފަ އެވެ.
"ނޭމާ އަކީ ނޭމާ. ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ. އެއްވެސް ކުޅުންތެރިޔަކު ކްލަބަށް ވުރެ ބޮޑުވާން ފުރުސަތު ދީގެން ނުވާނެ،" ލިއޮނާޑޯ ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އުމުރުން 27 އަހަރުގެ ނޭމާ ވަނީ އަލުން ބާސެލޯނާ އަށް ބަދަލުވާން ބޭނުންކަމަށް އޭނާގެ ގާތް މީހުންގެ ގާތުގައި ބުނެފަ އެވެ. އަދި ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޓީމަކުން 150 މިލިއަން ޕައުންޑް ހުށަހަޅައިފިނަމަ ނޭމާ ދޫކޮށްލަން ޕީއެސްޖީ އޮތީ ތައްޔާރަށެވެ. ޕީއެސްޖީން އަންނަނީ ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ ހޯދަން މަސައްކަތްކުރަމުންނެވެ.