17 ޖޫން 2019 - 09:26

މިއަދު ކުރުނބާ މޯލްޑިވްސްގައި ފަށައި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ގިނަ މަޝްރޫއުތަކެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެގޮތުން މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ވާ "ނޫ އިގްތިސާދު" ގެ ދަށުން ހުށަހަޅާ މަޝްރޫއުތަކާއި އިޖްތިމާއީ ދާއިރާގެ ތަރައްގީއަށް ހުށަހަޅާ މަޝްރޫއުތަކުގެ އިތުރުން އަދުލް އިންސާފުގެ ދާއިރާއާ ގުޅޭ މަޝްރޫއުތައް ވެސް ހިމެނެ އެވެ.
ނޫ އިގްތިސާދުގެ ތެރޭގައި ހިމެނޭ މި މަޝްރޫއުތަކަށް، ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ހޭދަވެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން އައްޑޫގެ ތަރައްގީއަށް މައިގަނޑު 14 މަޝްރޫއުއެއް ހިންގާނެ އެވެ.
ރާއްޖޭގެ އާބާދީ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ކޮމާޝަލް އަދި އިންޑަސްޓްރިއަލް ބޭނުމަށް އިތުރު ސަރަހައްދެއް ހިއްކުމާއި ޓޫރިޒަމްގެ މަޝްރޫއުތަކަށް އައްޑޫގެ ހަތަރު ފަޅެއް (25 ހެކްޓަރު) ބިން ހިއްކުމާއި ރަނގަޅު ފެންވަރަށް މަގުތައް ހެދުމާއި ހިތަދޫ ރީޖަނަލް ފޯޓްގެ ޖާގަ އިތުރު ކުރުން ހިމެނެ އެވެ.
އިތުރު ހައުސިން ޔުނިޓްތައް އެޅުމާއި ހިތަދޫގައި މަސް ޕްރޮސެސް ކުރާނެ ފެކްޓްރީއަކާއި ޔޫތު ސެންޓަރަކާއި ރީހެބިލިޓޭޝަން ސެންޓަރެއްގެ އިތުރުން އިސްލާމިކް ސެންޓަރެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ. އައްޑޫ ގަމުގައި ކޮންވެންޝަން ސެންޓަރެއް ތަރައްގީ ކުރުމާއި ސަރުކާރު އޮފީސް އިމާރާތެއް އެޅުމާއި ނޭޗާ ޕާކެއްގެ އިތުރުން ކްލައިމެޓް ރީސާޗް ފެސިލިޓީއެއް ގާއިމް ކުރުމަށް ޕްލޭން ކޮށްފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ތިފަލުފުށި ގުޅާލުން ވެސް، މި ފޯރަމަށް ހުށައަޅާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި މަޝްރޫއުއަށް 488 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެ އެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެ އެވެ.
މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުން ހިމެނެ އެވެ. ގާތްގަނޑަކަށް 56 މިލިއަން ޑޮލަރު (860 މިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ ތެރެއިން ވޯޓާ ސަޕްލައި ޑިސްޓްރިބިއުޝަން ނެޓްވޯކާއި ސްވެރޭޖް ސިސްޓަމްތައް އިންސްޓޯލް ކުރާނެ އެވެ.
މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ 16 ރަށެއްގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ އެވެ. މި މަޝްރޫއުއަށް ގާތްގަނޑަކަށް 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.
މިއީ ރާއްޖޭގެ 53 ސްކޫލެއްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރަން ހިންގާ މަޝްރޫއުއެކެވެ. އަދި އެ ސްކޫލުތަކުން މިހާރު ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ހިމެނެ އެވެ. މި މަޝްރޫއުއަށް 103 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެެވެ.
މި ޕްރޮޖެކްޓްގެ ދަށުން އިތުރު އާ 10 ސްކޫލު ރާއްޖޭގައި އިމާރާތްކުރާ އިރު މިއިން ކޮންމެ ސްކޫލެއްގައި 45 ކްލާސް ރޫމާއި އެއް މަލްޓި ޕާޕަސް ހޯލް ހިމެނެ އެވެ.
މި މަޝްރޫއުގެ ތެރެއިން 600 ކުށްވެރިންނަށް ތިބެވޭނެ ކަރެކްޝަނަލް ފެސިލިޓީއެއް ގާއިމް ކުރާނެ އެެވެ. މި މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުށްވެރިންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ލިބޭނެ އެވެ. މި މަޝްރޫއުއަށް ހިނގާނެ ކަމަށް ލަފާކޮށްފައި ވަނީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެވެ.
މި މަޝްރޫއުގެ ތެރެއިން ކަލްޗަރަލް ކޮމްޕެލްސްއަކާއި އެކްސްޕެޑިޝަން ޕްރޮޖެކްޓެއްގެ އިތުރުން ނޭޝަނަލް މިއުޒިއަމް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ކޮންޒަވޭޝަން އެންޑް ޕްރިޒަވޭޝަން ލެބޯރެޓްރީއެއް ގާއިމްކުރާނެ އެވެ. މީގެ އިތުރުން ނޭޝަނަލް ލައިބްރަރީއެއް ގާއިމްކުރުން ވެސް ވަނީ މަޝްރޫއުގައި ހިމެނެ އެވެ. މި ޕްރޮޖެކްޓަށް 8.5 މިލިއަން ޑޮލަރު (131 މިލިއަން ރުފިޔާ) ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.
ވޭސްޓްމެނޭޖްމެންޓް ސެންޓަރާ އެކު ހުވަދު އަތޮޅުގެ ރަށްރަށުގެ މެދުގައި ފުރިހަމަ ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމް ކުރާނެ އެެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކޮށް، އެފަދަ ސާގާފަތެއް އާލާކުރާނެ އެވެ. މި މަޝްރޫއުއަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.
މި ޕްރޮޖެކްޓްގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮޮތުން އެސްއެމްއީ ޕާކެއް ގާއިމްކުރުން ހިމެނެ އެވެ. މި ޕާކުގައި ތަކެތި ޕެކޭޖު ކުރުމާއި ވެއާހައުސްގެ ޖާގަ ލިބޭނެ ގޮތް ހެދުން ވެސް އެބަ އޮތެވެ.
މި މަޝްރޫއުއަށް 10 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. މި ޕްރޮޖެކްޓްތަކުގެ ތެރެއިން އިލެކްޓްރިލް ވެހިކަލްތަކާއި ވެހިކަލްތައް ޗާޖު ކުރުމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ވައި މޮނީޓާ ކުރުމުގެ ނިޒާމެއް ގާއިމް ކުރާނެ އެވެ.