07 ސެޕްޓެމްބަރ 2016 - 13:42

ރާއްޖޭގެ ހުނަރުވެރި ޒުވާން އެތުލީޓުން ކުރިއެރުވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ފަށާފައިވާ "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" އަށް އެއްބާރުލުން ދިނުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި އެސްޓީއޯ އަދި އިންޑިއާ ހައި ކޮމިޝަނުން ނިންމައިފި އެވެ.
މަރުޒޫގު ވަނީ އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒް އަދި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިއާ ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާއާ ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސްގެ ރަމްޒީ ބެޓަން ހަވާލުކުރައްވައިފަ އެވެ.
އެސްޓީއޯ އިން ވަނީ، ގިނަ އަދަދެއްގެ ހުނަރުވެރި އެތުލީޓުން ރާއްޖޭން ބޭރުގައި ތަމްރީން ކުރުމަށް އޮލިމްޕިކް ކޮމިޓީން ފަށާ ޕްރޮގްރާމުގެ ތެރެއިން އެއް ކުއްޖެއްގެ އެއް އަހަރުގެ ތަމްރީން ހަރަދު ސްޕޮންސާކޮށްދޭން ނިންމައިފަ އެވެ.
އިންޑިއާ ސަފީރު ވަނީ، އެ ގައުމުގެ ސްޕޯޓްސް އޮތޯރިޓީ މެދުވެރިކޮށް ރާއްޖޭގެ އެތުލީޓުންނަށް އިންޑިއާގައި ތަމްރީން ހެދުމުގެ މަގުފަހިކޮށްދިނުމަށް އެއްބަސްވެފަ އެވެ. އަދި ތަމްރީން ހަދާ ކުދިންގެ ކިޔެވުމުގެ ހަރަދު ލޯކަލް ރޭޓުގައި ހަމަޖައްސައިދިނުމާއި ޓީމް ކުޅިވަރުތަކަށް އެކްސްޗޭންޖް ޕްރޮގްރާމް ހިންގައި، ބައެއް ޓީމުތައް ރާއްޖެ ގެންނަން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި އަންހެން ވޮލީބޯޅަ އަދި ބާސްކެޓްބޯޅަ ޓީމުތައް ހިމެނެ އެވެ.
"އެ ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ވައުދުވެވަޑައިގެންފައި. އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި އިތުރު ފަރާތްތައް، ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސްގައި ބައިވެރިކުރާނަން،" މަރުޒޫގު ވިދާޅުވި އެވެ.
މުވާސަވާލާތީ ކުންފުނި އުރީދޫ އިން ވެސް ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފަ އެވެ. އޭގެ ދަށުން އުރީދޫ އިން ވަނީ ދެ ކަމަކަށް ވައުދުވެފަ އެވެ. އެއީ އެތުލީޓުން ރާއްޖޭން ބޭރުގައި ތަމްރީން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ މެސީ ފައުންޑޭޝަން މެދުވެރިކޮށް ފުޓްބޯޅައިގެ ތަމްރީން ޕްރޮގްރާމެއް ހިންގުމެވެ.