16 ޖޫން 2019 - 14:04

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރެފައިވާތީ އޭނާ ރަސްމީ މަސައްކަތަށް ނުކުމެވަޑައިގަންނަވަމުންދާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރިޔަސް، ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަން ފަސްކުރަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ނިިންމާފައި ވަނީ އެ އަމުރު ނެރުނަސް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.
ޑީޖޭއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރެފައިވާތީ ފަނޑިޔާރު ޑީޑީ ރަސްމީ މަސައްކަތަށް މިހާރު ވެސް ނިކުމެ ވަޑައިގަންނަވާ ކަމަށާއި އެކަމުގައި އަމަލު ކުރަމުންދަނީ ކޯޓުގެ އަމުރާ އެއްގޮތަށް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ އަމުރެއް އޮތީމަ އެއާ އެއްގޮތަށް އަމަލު ކުރަމުން ދަނީ." އޮފިޝަލް ވިދާޅުވި އެވެ.
ފަނޑިޔާރު ޑީޑީ ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވާއިރު، އެމަނިކުފާނު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެން ބައްލަވާ މައްސަލައެއްގެ ޝަރީއަތް މާދަމާ ބާއްވަން ވެސް ސުޕްރީމް ކޯޓުގައި އޮތީ ތާވަލްކޮށްފަ އެވެ. އެ މައްސަލައަކީ ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމުގެ ކުރިން ވެސް ތާވަލް ކޮށްފައި އޮތް މައްސަލައެކެވެ.
ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީ އަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނީ ޖޭއެސްސީގެ އެ ނިންމުން ބާތިލްކުރަން ފަނޑިޔާރު ޑީޑީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމުންނެވެ.