17 ޖޫން 2019 - 06:50

ޕާކިސްތާނުގެ ސަރަހައްދީ ސަރުކާރުގެ މިނިސްޓަރަކު ހުކުރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއް ފޭސްބުކުން ލައިވް ސްޓްރީމް ކުރި އިރު، "ކެޓް ފިލްޓާ" ލެވި މިނިސްޓަރު ބުޅަލެއް ގޮތަށް ފެނި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޖޯކް ޖަހައިފި އެވެ.
ހައިބަރު ޕަހްތުންޙުވާ ޕްރޮވިންސްގެ ހެލްތު މިނިސްޓަރު އަދި ޕާކިސްތާން ތެހްރީކޭ އިންސާފު (ޕީޓީއައި) ގެ މެމްބަރުގެ ޝައުކަތު އަލީ ޔޫސުފްޒާއީގެ މޫނަށް ފިލްޓާ ލެވުނީ އޮޅުމަކުން ކަމަށް ފަހުން ބުނެފައިވެ އެވެ. "ހިއުމަން އެރާއަކުން" ދިމާވި އެކަން ބަލަމުން އަންނަ ކަމަށާއި ދެން އެފަދަ ގޮތެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވަމުން އަންނަ ކަމަށް ވެސް މިނިސްޓަރުގެ ޕާޓީން ބުންޏެވެ. އަދި ފިލްޓާ ލެވިފައި ހުރިކަން އެނގުމާ އެކު ވީޑިއޯ ވަނީ ޑިލީޓްކޮށްލައިފަ އެވެ.
މިނިސްޓަރަށް ފިލްޓާ ލެވިފައިވާ ފޮޓޯ ވެސް ދައުރުވަމުންދާ އިރު އެއިން ފެންނަނީ އޭނާގެ ބޯ މަތީގައި ބުޅަލުގެ ކަންފަތް ކަހަލަ ދެ ކަންފަތާއި ދެ ކޯމަތީގައި ނަރުވާ ވެސް ހުއްޓަ އެވެ. އަދި ބައެއް ފޮޓޯތަކުން ނޫސް ކޮންފަރެންސްގައި ތިބި އެހެން ދެ އޮފިޝަލަކަށް ވެސް "ކެޓް ފިލްޓާ" ލެވިފައިވާ ތަން ފެނެ އެވެ.
މިކަމާ ބެހޭ ގޮތުން މިނިސްޓަރު ޝައުކަތު އޭއެފްޕީ އަށް ވިދާޅުވީ "އެއީ އެކްސިޑެންޓެއް" ކަމަށާއި "އެކަން އެހާ ސީރިއަސްކޮށް ނަގާނެ ކަމެއް ނެތް" ކަމަށެވެ.
ނަމަވެސް މިއަށް ޖޯކް ޖެހި ބައެއް މީހުން ޓްވިޓާގައި ބުނީ ކެނިބެޓްގައި މިހާރު ބުޅާ ވެސް އުޅޭ ކަމަށެވެ.