ރާޅު ގުޑީގެ ހަރަކާތްތައް އެކި ރަށްރަށަށް
ރާޅު ގުޑީގެ ހަރަކާތްތައް އެކި ރަށްރަށަށް

ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން ބާއްވާ ރާޅު ގުޑީގެ ހަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރާޅު ގުޑީގެ ހަރަކާތްތައް އެކި ރަށްރަށަށް
ރާޅު ގުޑީގެ ހަރަކާތްތައް އެކި ރަށްރަށަށް

ތިމާވެށި ހިމާޔަތް ކުރުމަށް ޓަކައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދާ މި އިވެންޓު ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އެވެ. މި ހަރަކާތުގައި ރާއްޖޭގެ ދެކުނުން ފެށިގެން އުތުރުގެ އެކި ރަށްރަށަށް ހަތަރު ކައިޓް ސާފަރުން ދަތުރު ކުރާނެ އެވެ.

ރާއްޖޭގެ ކައިޓް ސާފަރެއް ކަމުގައިވާ މުހައްމަދު އާސިމް (ސިމްބެ) ބުނީ މި އިވެންޓްގެ ބޭނުމަކީ މޫދަށް ކުނި އެޅުން ހުއްޓުވުން ކަމަށެވެ. އަދި ރާއްޖެއަކީ ކައިޓް ސާފަރުން ގިނަ ގައުމެއް ކަމަށްވާތީ މި އިވެންޓުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ސިމްބެ ބުންޏެވެ.

"އަޅުގަނޑުމެން ހަތަރު ބައިވެރިން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރި ނަމަވެސް ރާއްޖެއަކީ ކައިޓު ދުއްވާ ކުދިން ގިނަ ގައުމެއް ކަމުން ދާ ކޮންމެ އަތޮޅަކުން އެ އަތޮޅުގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ. އަޅުގަނޑުމެން މި އިވެންޓުގެ ޒަރީއާއިން މަސައްކަތް މި ކުރަނީ މޫދަށް ކުނި އެޅުން ހުއްޓުވުމަށް." ސިމްބެ ބުންޏެވެ.

މި ހަރަކާތާ ގުޅޭގޮތުން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ އެ ކުންފުނިން މި ހަރަކާތުގައި ބައިވެރިވީ ރާއްޖޭގެ ރަށްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް މީހުން ހޭލުންތެރިކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކަނޑުގެ ރީތިކަމަށް ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުމަކީ އެ ކުންފުނީގެ މުހިންމު އަސާސެއް ކަމަށް ވެސް ބިޝާރާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ހަރަކާތުގައި ބައިވެރިވީ މިއީ ކުޅިވަރުގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ހޭލުންތެރި ކުރުމުގެ ބޭނުމުގައި. އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ޒުވާނުންނަކީ ކަނޑަށް ލޯބި ކުރާ ބަޔަކަށް ވުން،" ބިޝާރާ ވިދާޅުވި އެވެ.

އަންގާރަ ދުވަހު ފަށާ މި ހަރަކާތުގައި ރާއްޖޭގެ އެކި ރަށްތަކުގައި ސާފު ކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާނެ އެވެ.