16 ޖޫން 2019 - 15:07

ހުޅުމާލޭގެ ތިން ފްލެޓެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާ އެކު ދެ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބުމުން ހިންގި ހާއްސަ އޮޕަރޭޝަނަކަށް ފަހު އެވެ. ތިން ފްލެޓެއް ފުލުހުން ބަލާ ފާސްކުރި ނަމަވެސް މަސްތުވާތަކެތި ފެނިފައި ވަނީ ދެ ފްލެޓަކުން ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނި ގޮތުގައި ކުޑަ ކުއްޖާ އުޅޭ ފްލެޓް ފާސްކުރުމަށް ފަހު އެ ކުއްޖާއަށް ސުވާލުކުރީ އޭނާގެ ބެލެނިވެރިންގެ ހާޒިރު ގަ އެވެ. އަދި އެ ފްލެޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ތަންތަން އެ ކުއްޖާ ކިޔާދިން ކަމަށާއި، އެ ފްލެޓުގެ ދެ ފާހަނައެއްގެ ސީލިންގްތެރެ ބަލާ ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 251 ސެލޯފިންކޮޅު އެތަނުން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި 38 އަހަރުގެ މީހާ ހައްޔަރު ކުރީ ވެސް އޭނާ ދިރިއުޅޭ ފްލެޓް ބަލާ ފާސްކުރުމަށް ފަހު މަސްތުވާތަކެތި ފެނުމުންނެވެ. ފުލުހުން އެ ފްލެޓަށް ދިއުމުން ފާހަނާއިން އޭނާ އެއްޗެއް ފްލަޝްކޮށްލި ކަމަށް ފުލުހުން ބުންޏެވެ. އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ އެހީގައި ފާހަނައިގެ ޖަންކްޝަނުގެ މަތި ނެގުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނުނު ކަމަށް ވެސް އެތަނުން ބުންޏެވެ. އަދި އެ ފްލެޓުގައި ހުރި ކުޑަ ދޮރެއްގެ ބޭރުން މަސްތުވާތަކެތި އަޅާފައިވާ ކަމަށް ބެލެވޭ 52 ޕެކެޓެއް އެއްލާލާފައި ވަނިކޮށް ފެނިފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ. އެތަކެތި އަޅާފައި ހުރީ ރަބަރު ދެ ޕެކެޓަކަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ބަނގުރާ ފުޅިތަކަކާ އެކު 49 އަހަރުގެ ބިދޭސީއަކު ވެސް މިދިޔަ ހަފްތާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.