16 ޖޫން 2019 - 12:37

އަނިޔާގެ ސަބަބުން ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު މި ސީޒަނުގައި ކުރިން ކުރި ފެންވަރަށް ރެފްރީކަން ކުރަން ބޭނުންވާ ކަމަށް ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ޝިފާން އަބްދުލް ރަހީމް ބުނެފި އެވެ.

އޭއެފްސީ އެލީޓް އަކަށް ވުމުގެ އުއްމީދުގައި 2017 ވަނަ އަހަރު އަމިއްލަ އަށް ޓްރެއިނިންތަކެއް ކުރިއަށް ގެންދިޔައިރު ޝިފާން އޭރު ދިޔައީ މެޗުތަކުގައި ރެފްރީކަން ވެސް ކުރަމުންނެވެ. އޭރު ޓްރެއިނިންތަށް ކުރަނިކޮށް ކަކުލުގައި ހުރި ތަދު އިތުރުވުމުން އޭނާ އަރާމްކުރަން ނިންމި އެވެ.
މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ އެއްވެސް މެޗެއްގައި ޝިފާން ރެފްރީކަން ނުކުރެ އެވެ. އެކަމަކު އެފްއޭއެމްގެ އެދުމުގެ މަތިން ޖޫނިއާ މެޗުތަކެއް އިންޓަ ސްކޫލްގައި ކުރި އެވެ. އެއީ އިންޓަ ސްކޫލްގެ ހަތަރު މެޗެއްގައި ރެފްރީކަން ކޮށް ބަދަލު ރެފްރީ އަކަށް ހަތަރު ވަރަކަށް މެޗު ލީގުގައި ހުއްޓެވެ. އެކަމަކު އެންމެ ފަހުން ތަދު ބޮޑުވާން ފެށުމުން ދެން އޭނާ ނިންމީ އޮޕަރޭޝަން ކުރާށެވެ.
"އޭސީއެލް ޓިއާއެއް އިނީ. ފުރަތަމަ ބެލީ އޮޕަރޭޝަނެއް ނުކޮށްވޭތޯ ދިވެހި ބޭސް ކޮށްގެން. އެކި މީހުންނަށް ދައްކައި ނުވެގެން މިދިޔަ ސެޕްޓެމްބަރު މަހުގައި އޭސީއެލް އޮޕަރޭޝަން ކުރީ އޭޑީކޭ އިން،" ޝިފާން ބުންޏެވެ. "އަޅުގަނޑުގެ އާއިލާ އެހީތެރިކަމާއި ޑޮކްޓަރު ޝަކީލް ދެން ތޯރިގު އެހީތެރިކަމާ އެކު މިހާރު މިހުރީ ވަރަށް ރަނގަޅަށް. ފައިގެ މައްސަލައެއް ނޫޅޭ. އިންޖަރީވުމުގެ ކުރިއަށް ވުރެން މިހާރު ވަރުގަދަ."
ދިވެހި ޕްރިމިއާ ލީގުގެ މި ފަހަރުގެ ސީޒަން ފެށި ތިން މެޗެއްގެ ކުޅުން މިހާރު ވަނީ ނިމިފަ އެވެ. ލީގުގައި އިއްޔެ ހަވީރު ވިކްޓްރީ އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ބަަދަލު ރެފްރީ އަކަށް ހުރީ ޝިފާން އެވެ. ޝިފާން މި އަހަރަށް އަޒުމު ކަނޑައަޅައިގެން ހުރީ ކުރިން ހުރި ލެވެލްގައި ރެފްރީކަން ކުރުމަށެވެ.
"ޓާގެޓަކީ ލީގު ފެށޭ ހިސާބުގައި ފިޓްނަސް ވަރުގަދަކޮށް އެނބުރި އައުން. ބޭނުންވަނީ 2014 އަދި 2015 ގައި ފިޓްނަސް އެންމެ ރަނގަޅަށް ހުރިއިރު ވަރަށް މެޗުތައް ކޮށްލަން. ނަމުގައި ދަނޑު މެދުގައި ހުރެލަން ބޭނުމެއް ނޫން. ފިޓްނަސް އެންމެ ރަނގަޅު ކޮށްލައިގެން ލީގުގެ ފުރަތަމަ މަސް ތެރޭގައި ފެންނާނެ މެޗު ރެފްރީއެއްގެ ގޮތުގައި،" ޝިފާން ބުންޏެވެ.
ޝިފާން ބުނީ އޭނާގެ ނަޒަރުގައި ރެފްރީންނަކީ އަމިއްލަ އަށް ވެސް ވަރަށް ރަނގަޅަށް ތަމްރީންވާން ޖެހޭ ބައެއް ކަމަށާއި ވީޑިއޯ އެނަލައިޒް ކުރުމާއި ފިޓްނަސް ރަނގަޅު ކުރުމުގެ އިތުރުން ފުޓްބޯޅަ ގަވާއިދުތަކުގެ ފޮތްކިޔައި ހަދަން ޖެހޭނެ ކަމަށެވެ.
"ގަވާއިދު ހިތުދަސްކުރިޔަސް ކަމަކުނުދާނެ. އެ މި ޖެހެނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް އެޕްލައި ކުރަން. ރެފްރީން އެބަޖެހޭ އަމިއްލަ އަށް ކުރިއެރުން ހޯދަން ތައްޔާރުވުން ރަނގަޅުވަން. އެސޯސިއޭޝަނާއި ކްލަބްތަކުން ކިތަންމެ މަސައްކަތެއް ކުރިޔަސް ރެފްރީން ކުރިނާރައި ފުޓްބޯޅަ ކުރިއަކަށްނުދާނެ،" ޝިފާން ބުންޏެވެ.
ފާއިތުވި އަހަރުތަކުގައި އެކި ސަބަބުތަކާ ހުރެ އެފްއޭއެމުން ވަނީ ބޭރުގެ ރެފްރީން ގެނެސްފަ އެވެ. ގެންނަ ބޭރު ރެފްރީންގެ ފެންވަރު ރާއްޖޭގެ ރެފްރީންނަށް ވުރެ ދަށްކަމަށް ގިނަ ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ. ރާއްޖޭގެ ރެފްރީންނަށް ބައެއް ކޯޗުން ފާޑުކީ ނަމަވެސް އެ ރެފްރީންގެ ކުރިއެރުމަށް މާ ބޮޑު ކަމެއް ނުކުރެވޭކަމަށް ފުޓްބޯޅައިގެ ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ.
ޝިފާން ބުނީ ރާއްޖޭގެ ދިރިއުޅުމުގެ މާހައުލު އޮންނަ ގޮތަކުން ރެފްރީންނަށް ވެސް މި އޮންނަނީ ކުޅުންތެރިންނަށް އޮންނަ އުސޫލުން ވަޒީފާ ނިންމާލުމަށް ފަހު މެޗަށް އައުން ކަމަށާއި އޭގެ ސަބަބުން މެޗަށް ތައްޔާރުވުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.
"މެޗު ޕްރެޕަރޭޝަނަކީ (ތައްޔާރުވުމަކީ) ވަރަށް މުހިއްމު އެއްޗެއް. އެކަމަކު ރާއްޖޭގެ މާހައުލު އޮންނަގޮތުން ރެފްރީކަމަށް އެކަނި ހުސްވެ އޮވެވޭކަށެއް ނޯވޭ. އެހެންވެ ވަޒީފާގެ މާހައުލުން ވީއްލީމަ ގޮސް މި ކުރެވެނީ. އެ ގޮތަށް ބަލާއިރު މެޗަށް ތައްޔާރުވުމުގައި ގޮންޖެހުންތައް ގިނަ. ތައްޔާރުވާން ވަގުތު ލިބޭނަމަ ދިވެހި ރެފްރީންގެ ތަފާތު ފެނޭ. އެކަން އެނގޭ ބޭރު މެޗުތަކުގައި ދިވެހި ރެފްރީންނަށް ލިބޭ ފުރުސަތުތަކުން،" ޝިފާން ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މެޗުތައް ލައިވްކުރާއިރު އެއް އޭންގަލްތަކަކުން ވީޑިއޯ ކޮށްފައި ހުރުމެވެ. ފުޓްބޯޅައިގައި ކަންކަން ރަނގަޅުކުރަން އެންމެ ބޮޑަށް ބޭނުންކުރާ ވަސީލަތަކީ ވީޑިއޯތައް ދިރާސާކުރުމެވެ. އެކަމަކު ރާއްޖޭގައި އެ ފުރުސަތު ވެސް އޮންނަނީ ކުޑަކޮށްކަން ޝިފާން ފާހަގަކުރި އެވެ.
މެޗުތަކުގެ ރަނގަޅު ވީޑިއޯ ކުރެވިފައި ހުރުން އެއީ ރެފްރީންނަށް ވަރަށް މުހިއްމު ކަމެއް. މިހާރު ތައާރަފްވެފައި އޮތް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގައި އެބަ ދައްކާ އެތަކެއް އޭންގަލަކުން. އެއަށް ބަލައިގެން ރަނގަޅު ޑިޒިޝަން މި ނަގަނީ. ލޯކަލް ލީގުން މި ލިބެނީ އެންމެ އޭންގަލްތަކަކުން އެ އަށް ބަލައިގެން އެއް މެޗުން އަނެއް މެޗަށް ރަނގަޅުކުރަން ހުންނަ ކަންތައްތައް ދެނެގަންނަށް އުނދަގޫވޭ،" ޝިފާން ބުންޏެވެ.
އެފްއޭއެމްގެ ރެފްރީ އެވޯޑް ތިން ފަހަރެއްގެ މަތިން ހާސިލްކޮށްފައިވާ ޝިފާންގެ އުއްމީދަކީ ދިވެހި ރެފްރީންނަށް ލިބޭ ފުރުސަތުތައް އިތުރުވެ ގިނަ ރެފްރީންތަކެއް ކުރިއަަރައިގެން ދިއުން ކަމަށް ޝިފާން ވަނީ ބުނެފަ އެވެ. އަދި އަމިއްލަ މަސައްކަތުން ކުރިއަރަން ރެފްރީން ކުރާ މަސައްކަތް މިހާރަށް ވުރެން އިތުރުކުރަން ޖެހޭނެކަމަށް ޝިފާން ގަބޫލުކުރެ އެވެ.