ސަނީ ޑިއޯލްގެ ދަރިފުޅު ކަރަންގެ އަލަތު ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އަންނަ މަހު ރިލީޒެއް ނުކުރާނެ
ސަނީ ޑިއޯލްގެ ދަރިފުޅު ކަރަންގެ އަލަތު ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އަންނަ މަހު ރިލީޒެއް ނުކުރާނެ

އެކްޓަރު އަދި ލޯކް ސަބާގެ މެމްބަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އަންނަ މަހުގެ 19 ގައި ރިލީޒްކުރަން އިއުލާންކޮށްފައި އޮޮތަސް އެ ތާރީހުގައި ފިލްމު ރިލީޒް ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ އަންނަ މަހު ފިލްމު ރިލީޒް ނުކުރަން ނިންމި އެއް ސަބަބަކީ ޖުލައި 19 ގައި އެހެން ފިލްމަކާ ބޮކްސް އޮފީހުގައި ވާދަކުރަން ޖެހޭތީ އެވެ. އެ ފިލްމަކީ ކްރިތީ ސެނަން އާއި ދިލްޖީތު ދޮސަންޖްގެ އިތުރުން ވަރުން ޝަރުމާ ލީޑް ރޯލް ކުޅެފައިވާ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ "އަރުޖުން ޕަޓިއާލާ" އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަނީ ޑައިރެކްޓް ވެސް ކުރި "ޕަލް ޕަލް ދިކް ކޭ ޕާސް" ރިލީޒް ކުރަން ބޭނުން ވަނީ ސޯލޯ ރިލީޒެއްގެ ގޮތުގަ އެވެ. އެހެންވެ އެކަހަލަ ތާރީހަކަށް ބަލަމުން އަންނަ ކަމަށާއި ތާރީހު ފައިނަލްވިހާ އަވަހަކަށް އާ ތާރީހު އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

ނަމަވެސް ފިލްމު ލަސްކުރިކަން މިހާތަނަށް ސަނީ ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ފިލްމު ރިލީޒް ކުރަން އިއުލާން ކުރި ތާރީހު މިހާރު މަހެއްހާ ދުވަހަށް ކުޑަވެފައިވާ އިރު، "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ޕްރޮމޯޝަނަލް އެއްވެސް ހަރަކާތެއް ވެސް ހިންގާފައި ނެތުމެވެ. ފިލްމުގެ ޓްރެއިލާ ވެސް އަދި ދައްކައެެއް ނުލަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ވަނީ ފިލްމުގެ ސްޓިލް ޕޯސްޓަރާއި މޯޝަން ޕޯސްޓަރު ދައްކައިލުން ފިޔަވައި، ފިލްމާ ގުޅުން ހުރި އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ.

ސަނީ މި ވަގުތު ބޮޑަށް އުޅެނީ ސިޔާސީ މަސައްކަތުގަ އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ގޮނޑި އަށް ޕަންޖާބްގެ ގުރުދާސްޕޫރު ގޮނޑި އަށް އިންތިހާބުވި މެމްބަރަކީ ބީޖޭޕީ އަށް ނިސްބަތްވާ އެކްޓަރެވެ.