ޖޭއެސްސީގެ މަސައްކަތަށް އެއްވެސް މުއައްސަސާއަކަށް ހުރަހެއް ނޭޅޭނެ: ނަޝީދު
ޖޭއެސްސީގެ މަސައްކަތަށް އެއްވެސް މުއައްސަސާއަކަށް ހުރަހެއް ނޭޅޭނެ: ނަޝީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނީ ޒިންމާއެއް އަދާކުރަމުން އަންނަނިކޮށް އެހެން މުއައްސަސާއަކަށް އެކަމުގެ ތެރެއަށް ނުވަދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ވަނީ އެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކޮށް، ފަނޑިޔާރު ޑީޑީއަށް އިތުރު ފިޔަވަޅެއް ނާޅަން ޖޭއެސްސީގެ މައްޗަށް އަމުރުކޮށްފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ އެ އަމުރު ގަބޫލު ނުކޮށް، ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން އަދިވެސް ދެމި އޮންނާނެ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދު މިހާރު ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ފަހު ބަސް ބުނުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދެނީ ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.

"އެ މަސައްކަތް ހިނގަ ހިނގާ ވަނިކޮށް އެހެން އެއްވެސް ބައެއް އެ ބައެއްގެ އިހްތިސާސުން ނެއްޓި، އެހެން ބައެއްގެ މަސައްކަތްތަކުގެ ތެރެއަށް ވަދެވަޑައިގަތީމަ އެއީކީއެއް އަޅުގަނޑު އަމިއްލަ އަށް ދެކޭ ގޮތުގައި މުޅިއަކުންނެއް ގާނޫނީ ހަމަތަކުގެ މަތިން ކުރެވޭނެ ކަންކަމެއް ނޫން. އަޅުގަނޑު ހިތުން ރައްޔިތުންގެ މަޖިލީހުުގެ މެމްބަރުން މިކަންކަމާ ގުޅޭގޮތުން ވިސްނަވާނެ،" މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޖޭއެސްސީގެ މެމްބަރުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކޮށް ބައްދަލުވެއް ބާއްވާފައި ވާއިރު އެ ކޮމެޓީން ހުށަހަޅާ ހުށަހެޅުން އެމަނިކުފާނަށް ލިބިވަޑައިގަތުމުން އެކަމުގައި މަޖިލީހުން ދެކޭ ގޮތެއް ނިންމުމަށް ވޯޓަށް އަހާނެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެކަމުގައި ގާނޫނު އަސާސީ އަށް އިސްލާހު ގެންނަންޖެހޭ ކަންތައްތަކެއް ހުރި ކަމަކަށް އެމަނިކުފާނު ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި އެފަދަ އިސްލާހެއް ގެނައުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.